އެންތަނީ މާޝިއަލް އަކީ ސެވިއްޔާއަށް ލިބުނު އަގުބޮޑު ހަޒާނާއެއް ކަމަށާއި އެއީ ކުލަބުގެ ސަޕޯޓަރުންނަށް ލިބުނު އަގުހުރި ހަދިޔާއެއްގެ ގޮތުގައި އެ ކުލަބުން ސިފަކޮށްފިއެވެ.

ސެވިއްޔާއާއެކު ލޯނު އެއްބަސްވުމެއްގެ ދަށުން އެންތަނީ މާޝިއަލް ސޮއިކުރީ މި ސީޒަނުގެ ނިޔަލަށެވެ. މި އެއްބަސްވުން ފުރިހަމަކުރަން މާޝިއަލް ވަނީ އޭނާގެ ޔުނައިޓެޑު މުސާރައިން ބޮޑު ބައެއް އުނިކުރަން ވެސް އެއްބަސްވެފައެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ސެވިއްޔާއިން މީގެކުރިންވެސް އެތަކެއް ފަހަރު މަސައްކަތްތަކެއް ކުރިއެވެ. މާޝިއަލްގެ ސޮއި ހޯދިއިރު މިއީ އެ ކުލަބުގެ ސަޕޯޓަރުންނަށް ކުލަބުގެ 132 ވަނަ އަހަރީ ދުވަހު ލިބުނު ބޮޑު ހަދިޔާއެއްގެ ގޮތުގައި ސިފަކުރެއެވެ.

މާޝިއަލް ޔުނައިޓެޑާއި ގުޅުނީ 2015 ވަނަ އަހަރު ފްރާންސްގެ މޮނާކޯ އިން 36 މިލިއަން ޕައުންޑަށެވެ. އޭނާ ކުލަބު ބަދަލުކުރަން ބޭނުންވާކަން އެ ކުލަބުގެ ކޯޗު ރަލްފް ރަންގްނިޗް އަށް އެންގިއިރު ކޯޗު ވަނީ ކުޅުންތެރިޔާ ބޭނުންވާގޮތަށް ކަންތައް ކުރުމަށް ބުނެފައެވެ.

އޭނާ ވަނީ ޔުނައިޓެޑަށް މި ސީޒަނުގައި 11 މެޗު ކުޅެދީ އެއް ލަނޑު ޖަހައިދީފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހު އެވަޓަން ކޮޅަށެވެ.

ސެވިއްޔާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ތާވަލުގެ ދެވަނައިގައެވެ. އަދި އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ.