ރާއްޖޭގައި މިހާރު ތިބި އެންމެ ހުނަރުވެރި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނެނީ ކޮން ކުޅުންތެރިންނެކޭ އަހައިފިނަމަ އެންމެ ގިނަ ކޯޗުންނާއި ސަޕޯޓަރުން އިތުބާރުކުރާނެ އެއް ކުޅުންތެރިއަކީ ހދ.ނޮޅިވަރަންފަރަށް އުފަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މިހާރު ގައުމީ ޓީމުގައި ވެސެ އެފަދަ ދެވަނައެއް ނެތް ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް ނަތީޖާ ނެރެވޭ ފެންވަރުގެ މޮޅު ކުޅުންތެރިއެކެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ވޯލްޑްކަޕް ކޮލިފައިންގައި ގުއާމް އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ލަންކާގައި ކޭމްޕުކުރި އިރު ޓީމު ދޫކޮށް ކުއްލިއަކަށް އިއްބެ ރާއްޖެ އަންނަން ޖެހުނީ ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދު އަށް އޮގަސްޓް 2019 ގައި ދަތުރުުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވެ ދިޔަ ހާދިސާއާއި ގުޅިގެންނެވެ.

އޭރު މަޑުމަޑުން ފޯމަކަށް އެޅެމުން ދިޔަ އިއްބެއަށް މި ހާދިސާގެ އަސަރު މުޅި ކެރިއަރަށް ކުރިއެވެ. ކުޅުމުގެ ފެންވަރަށް ވެސް ބަދަލުތަކެއް އައެވެ. ނަމަވެސް ޒަވާޖީ ހަޔާތެއް ފަށާ އޭނާގެ ބައިވެރިޔާ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ހިމެނޭ ހައްވާ ސަހާ ވެގެންދިޔައީ އިއްބެ އަލުން އެނބުރި ރަނގަޅު ފޯމަކަށް އަޅުވައިދިނުމުގައި މުހިއްމު ބައިވެރިއަކަށެވެ.

އިއްބެ އަދި ސަހާގެ ކައިވެނީގެ ހަފުލާ

ކުޑައިރު ސްކޫލް ދައުރުން ފެށިގެން ވެސް ފުޓުބޯޅައަށް ބޮޑު ޝައުގެއް އޮވެއެވެ. އަމިއްލަ ރަށުގައި ވެސް އޭނާއަކީ އެންމެ ކުޑައިރުން ފެށިގެން ރަށު ލެވެލްގައި ސްކޫލް މުބާރާތްތަކުގައި އޭރު ހުންނަ ކޮންމެ ޓީމެއްގައި ވެސް އޭނާއަކީ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ އެއް ކުޅުންތެރިޔާއެވެ. ނަމަވެސް ރަށު ފެންވަރުގެ މުބާރާތެއް އޭނާއަށް އަދި ކާމިޔާބެއް ނުކުރެވެއެވެ.

2012 ގައި ސްކޫލްގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށްފަހު ޖެހިގެން އައި އަހަރު މާލެ އައިސް ކިޔަވަން އައިސް ކޮލެޖަކާއި ގުޅުނު ދުވަހު އޭނާއަށް ނިއުރޭޑިއަންޓުން ފުރުސަތު ލިބުނެވެ. އެހިސާބުން އިއްބެ އިހްތިޔާރުކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ. އޭރު ނިއުގައި އޮތީ އެ ކުލަބުގެ ތާރީހުގައި ވެސް އުފެދުނު އެންމެ ވަރުގަދަ އެއް ސްކޮޑެވެ. ސީޒަން އެއްކޮށް ބަލިނުވެ ޗެމްޕިއަންކަން ހޯދީ އެ އަހަރެވެ. އޭގެ ޖެހިގެން 2014 ގެ ޔޫތު މުބާރާތުގައި ނިއުއަށް އޭނާ ދެއްކި މޮޅު ކުޅުމާއެެކު އެއަހަރު ނިއުގެ ސީނިއާ ޓީމުން އޭއެފްސީ ކަޕުގައި ކުޅުނު މެޗެއްގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިއްބެ ކުޅެން އެރުވިއެވެ.

އިއްބެ ޓީސީއަށް ކުޅުނު ދުވަސްވަރު

އޭގެ ދުވަސްކޮޅެއް ފަހުން އިއްބެ ޖެހުނީ ހާލަތު އޮތްގޮތުން އަނެއްކާވެސް ރަށަށް ބަދަލުވާށެވެ. އޭގެފަހުން 2015 ގައި ޓީސީ ފުރަތަމަ ޑިވިޝަނަށް އަރައި ޓީސީގެ ޓްރަޔަލްގައި ބައިވެރިވާން މާލެ އައެވެ. ޓްރަޔަލްގައި ބައިވެރިވެ ޓީމަށް ހޮވުނެވެ. ފުރަތަމަ ކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ނަމަވެސް 2016 ގައި އުނަގަނޑަށް ލިބުނު ގެއްލުމުން ދުވަސްގަނޑެއް ހޭދަކުރުމަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިސް ކުޅުނުއިރު އޭރު ކޯޗަކަށް ހުރި މުހައްމަދު ނިޒާމް ބޭނުންވީ އިއްބެ މެދުތެރެއަށް ކުޅުވުމަށެވެ.

މަޑުމަޑުން އޭނާ ފުރަތަމަ އެގާރައިން ޖާގަ ހޯދާ ކޯޗުގެ އިތުބާރު ހޯދިއެވެ. އޭގެފަހުން ޓީސީގެ ކާމިޔާބީތަކުގައި އޭނާގެ ހިއްސާ ވަރަށް ބޮޑުވިއެވެ. 2018 އާއި ހަމަޔަށް ގިނަ މެޗުތަކެއްގެ ފުރަތަމަ އެގާރައިގައި ހިމެނި ޓީމަށް މޮޅު ކުޅުމެއް އޭނާ ދެއްކިއެވެ.

ޝެއިހް ކަމާލް ކަޕުގައި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިއްބެ

ޓީސީ ސްޕޯޓްސް ކުލަބަށް މަހިންދަ ރާޖަޕަކްސަ ޓްރޮފީ ހޯދައިދިނުމުގައި ވެސް އިއްބެ ގެ ދައުރު ފާހަގަކޮށްލެވެއެވެ. އަދި 2018 ސާފް ޗެމްޕިއަންޝިޕު ރާއްޖެ ކާމިޔާބުކޮށްދިން ސްކޮޑުގައި ވެސް ހިމެނި އިއްބެ އަކީ އޭރު ކޯޗުންގެ ފެވަރިޓެވެ. އޭރު އޭނާ އެ ކާމިޔާބީ ހޯދި ޓީމުގައި ޝަމްވީލް ގާސިމް (ބޮންޑާ) އާއި ބެންޖޯ ފަދަ ކުޅުންތެރިން އޭނާއަށް ބޮޑު ހިތްވަރެއް ދިނެވެ. އަދި މުލި ޓީމުވެސް އިއްބެ އަށް އިތުބާރުކުރި އެވެ.

އޭގެފަހުން ގައުމީ ކޯޗަކަށް ޕީޓާ ސެގަޓް ހަމަޖައްސައި އޭރު ސިންގަޕޫރުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އޭނާ ކުޅުވަން އެރުވިއެވެ. އޭގެފަހުން ކޮލިފައިން މެޗެއްގައި ބޫޓާން އާއި ވާދަކޮށް ބޮޑު ތަފާތަކުން މޮޅުވި މެޗުގައި އޭނާ ލަނޑުވެސް ޖެހިއެވެ. މިއީ އޭނާގެ ބައިނަލްއަޤްވާމީ ފުރަތަމަ ލަނޑެވެ.

2018 ގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް ކޮޅަށް ލަނޑު ޖެހުމަށްފަހު އިއްބެ އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ސާފް ޗެމްޕިއަންޝިޕް 2018 އަށް ދިޔައިރު ވެސް އިއްބެ އަށް އެ މުބާރާތް ކާމިޔާބުކުރެވޭ ކަމުގެ ބޮޑު އުއްމީދެއް އޮތެވެ. ނަމަވެސް އެ މުބާރާތް ފެށުން ދިވެހި ޓީމުން ދަށްކޮށް ފެށި ނަމަވެސް ގުރުގައި ސެމީއަށް ދިޔަ ހިސާބުން އެ ތަށި ހޯދަން އިއްބެ އަޒުމް ކަނޑައެޅިއެވެ. ފައިނަލުގެ ކުރިން ވެސް އިއްބެ އޭނާގެ އާއިލާ ގާތު ފައިނަލަށް ގެންގޮސްދޭނެކަމަށް ބުނިއެވެ.

ގައުމީ ޖާރޒީގައި އިއްބެ ލަނޑުތަކެއް ޖަހާ ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއަށް ހޯދައިދިނުން އެއީ އިއްބެގެ ހަޔާތުގައި ވެސް އޭނާއަށް ލިބުނު އެންމެ ބޮޑު އުފަލެވެ.

"އަބަދުވެސް ބޭނުންވޭ ގައުމީ ޖާރޒީގައި ތައްޓެއް އުފުލާލަން، އެ ފަހުރު ހޯދުނީމަ ވަރަށް އުފާވި، ކެރިއަރުގެ އެންމެ އުފާވި އެއް ދުވަސް އެއީ" އިއްބެ ބުންޏެވެ.

އިއްބެގެ ހަޔާތުގައި އެންމެ މުހިއްމު އެއް ބައިވެރިއަކީ އޭނާގެ އަންހެނުން ސަހާ އެވެ. ދިމާވި ކޮންމެ ކަމެއްގައި އެންމެ ކައިރީގައި ހުރި އެކަކަކީ ސަހާ އެވެ. 2020 ގައި ކައިވެނިކޮށް އިއްބެ އެނބުރި ރަނގަޅު ފޯމަކަށް އެޅުމުގައި ސަހާގެ ބޮޑު ދައުރެއް އަދާކުރިއެވެ.

ދިމާވީ ފޭސްބުކް އިން. ދިމާވެގެން ވާހަކަދައްކަމުން ކައިވެންޏާއި ހަމަޔަށް އައި އިރުވެސް ރައްޓެއްސެއް، ދިމާވި ބޮޑެތި ކަންކަމުގައި ވެސް ވަރަށް ސަޕޯޓިވް، ދިމާވި އެންމެ ކޮންފޮޓަބަލް އެކަކު، މިހާރުވެސް ވަރަށް ސަޕޯޓިވް، މެޗުތެރެއިން ކަމަކާއި ހިތްހަމަ ނުޖެހުނަސް ކޮންމެ ވަގުތެއްގައި ވެސް ވާހަކަ ދެކެވޭ، ކަމަކާއި ހާސްވިޔަސް ، އެހެން ކަމެއް ވިޔަސް، އަބަދުވެސް ވަރަށް ސަޕޯޓިވް" ސަހާ އާއި އިއްބެގެ ގުޅުން ފާހަގަކުރަމުން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް 2018 ގެ ޓްރޮފީއާއެކު އޭނާގެ އުފަން ރަށުގައި

މިހާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ކުޅެމުން އަންނަ އިއްބެގެ ފަރާތުން ފަހަކަށް އައިސް ފެންނަމުން ދަނީ މޮޅު ކުޅުމެކެވެ. އެނބުރި ރަނގަޅު ފޯމަކަށް އެޅެމުން އަންނައިރު އިއްބެގެ ފުޓުބޯޅަ ހަޔާތް އަދިވެސް ކުރިޔަށް އޮތީއެވެ.

އޭނާއަށް ރާއްޖޭގެ ފުޓުބޯޅައިން މިހާރު ނުލިބޭ ކާމިޔާބީއެއް ނެތެވެ. ކުލަބް ލެވެލްގައި ވެސް ގައުމި ލެވެލްގައި ވެސް އޭނާއަށް ބޮޑެތި ކާމިޔާބީތަކެއް ލިބުނެވެ. މި ރަނގަޅު ފޯމާއި އެކު އޭނާގެ ކާމިޔާބީތަކުގެ ސަފުހާ އަދިވެސް ކުރިޔަށް އޮތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުދަންނަ މީހެއް

    ދީނަށް ލޯބި ކުރާ ހުނަރުވެރި ކުޅުންތެރިއެއް.. ކާމިޔާބަށް އެދެން..