ހަނގުރާމަކުރުމަކީ ހައްލެއްނޫން ކަމަށް ބުނެ އެކަން ހުއްޓާލުމަށް ރަޝިޔާ ގައުމީ ފުޓުބޯޅަ ޓީމު އަދި އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޑައިނަމޯ މޮސްކޯގެ ފޯވާޑް ފެޑޯ ސްމޮލޯވް ގޮވާލައިފިއެވެ.

މިއީ އެ ގައުމުގެ މަގްބޫލު ފުޓުބޯޅަ ކުޅުންތެރިއަކު މި ހަނގުރާމައާއި ގުޅިގެން ދެކޮޅުހަަދާ އެކަން މީސްމީޑިއާގައި ހާމަކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

ފެޑޯގެ އިންސްޓަގްރާމްގައި އޭނާ ލިޔެފައިވަނީ "ހަނގުރާމައަށް ނޫނެކޭ ބުނަމާ" މިހެންނެވެ. މި ޕޯސްޓަށް ގިނަބަޔަކު ދަނީ ތާއިދުކޮށް ވާހަކަދައްކަމުންނެވެ. އަދި އޭނާގެ ފަހަތުން ރަޝިޔާގެ އެހެން ކުޅިވަރު ތަރިންވެސް ބައިވެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ޔޫކްރެއިންގެ މައްޗަށް އަަތްގަދަކުރުމަށް ގޮވާލާ އެކަން ތަންފީޒުކުރަން ފެށި ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިހާތަނަށް ދެ ގައުމުގެ މަޝްރަހު ގޯސް ހާލަތެއްގައި އޮތްއިރު ކަމާބެހޭ އިދާރާތަކުން އަދިވެސް މަސައްކަތްކުރަނީ މަޝްވަރާގެ އުސޫލުން މިކަމަށް ހައްލެއް ގެންނާށެވެ.

ރަޝިޔާގެ މި ހީލަތްތެރި ހަމަލާތަކާއި ގުޅިގެން މުޅި ޔޫރަޕު ވަނީ އެލާޓުގައެވެ. އަދި ޕުޓިން އާއި ޔޫކްރެއިންގެ މަޝްރަހު ފިނިކުރުމަށް އެ ބައްރަށް ނިސްބަތްވާ ގިނަ އަދަދެއްގެ އެތްލީތުންވެސް ދަނީ މީސްމީޑިއާގައި ވާހަކަދައްކަމުންނެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕު ބައްރުގައި ދެ ގައުމެއްގެ ދެމެދުގައި ހާލަތު މިހާ ގޯސްވި ފުރަތަމަ ފަހަރެވެ.

މިކަމާއި ގުޅިގެން އިނގިރޭސި ކުލަބް މެންޗެެސްޓަރ ސިޓީ އަދި ޔޫކްރެއިން ގައުމީ ޓީމުގެ ތަރި އޮލެކްސެންޑަރ ޒިންޗެންކޯ ވަނީ މީސްމީޑިއާފައި އެކަން ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް މިހާެރު އެ ޕޯސްޓު ވަނީ ޑިލީޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު