ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭސް އާއި މެމްފިސް ޑިޕާއި ގެ ލަނޑުތަކުން ސްޕެނިޝް ލީގުގައި އެލްޗޭ އަތުން ބާސެލޯނާ ފަހަތުން އަރާ މޮޅުވެއްޖެ އެވެ.

ރަށުންބޭރުގައި ބާސެލޯނާ ކުޅުނު މި މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން ބާސެލޯނާގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފު ނިމުނުއިރު އެލްޗޭ އޮތީ ލީޑުގައެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ ތާވަލުގެ ތިންވަނަައަށް ޖެހިލާފައެވެ. އެއީ ކުޅުނު 26 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ ރެއާލް ސޮސެއިޑާޑް އަތުން 4-1 އިން މޮޅުވެ ޖުމްލަ 63 ޕޮއިންޓާއެކު އެވެ.

އެންމެ ކައިރިން ދެވަނައިގައި ސެވިއްޔާ އޮތީ ރެއާލް އާއި އެއް އަދަދަކަށް މެޗު ކުޅެގެން ޖުމްލަ 55 ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި ރެއާލް ބެޓިސް އޮތީ 26 މެޗުން 46 ޕޮއިންޓާއެކުއެވެ.

މެޗުގައި އެލްޗޭއިން ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިޑެލް އެވެ. ފުރަތަމަ ހާފު އެލްޗޭ ލީޑުގައި އޮވެ ނިމުނު ނަމަވެސް ބާސެލޯނާއިން ވަނީ ހިތްވަރު އެލުވާނުލާ ދެވަނަ ހާފުގައި ފަހަތުން އަރާ ލީޑު ނަގާފައެވެ.

ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރި ލަނޑު 60 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ކާމިޔާބުކޮށްފައިވަނީ ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި މެޗުން ބާސާ މޮޅުވި ލަނޑު މެމްފިސް ޑިޕާއި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއެއްގައި މެޗުގެ 84 ވަނަ މިނެޓުގައެވެ.