އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ރަށުން ބޭރުގައި އާސެނަލް ބަލިކޮށް ލިވަޕޫލުން ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަ ސިޓީއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފިއެވެ.

ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެ ލިވަޕޫލުން އާސެނަލްގެ މައްޗަށް ކުރިހޯދީ 2-0 އިންނެވެ. މި މެޗާ ކުރިމަތިލިއިރު ދެ ޓީމު ވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. އާސެނަލް ވަނީ މި މެޗުގެ ކުރިން އެ ޓީމު ލީގުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން ލިވަޕޫލް މި މެޗާ ކުރިމަތިލީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށް އިތުބާރާއެކުއެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށްވުރެ ބޮޑަށް ނުރައްކާކޮށް ފެނުނީ އާސެނަލްއެވެ. ބުކާޔޯ ސަކާ އާއި ގެބްރިއެލް މާޓީނެލީ ދެ ފަޅިން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބެލިއެވެ. އާސެނަލް އިން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް މަދުވެގެން ދިޔައީ ފައިނަލް ޝޮޓެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސާޑިއޯ މާނޭ އާސެނަލްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑުގައެވެ. މި ހާފުގެ ކުރީކޮޅު އާސެނަލްގެ މާޓިން އޮޑެގާޑަށް ވަނީ ގޯލް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން އެލެކްސް ލަކަޒަޓް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު އޮޑެގާޑް ގޯލަށް ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

އޮޑެގާޑަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު އިރު މެޗުގެ 54 ވަނަ މިނެޓުގައި ތިއާގޯ އަލްކަންޓާރާގެ އެހީތެރިކަމާއެކު ޑިއޭގޯ ޖޮޓާ ލިވަޕޫލަށް ލީޑު ނަގައިދިނެވެ. ތިއާގޯ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޖޮޓާ ވައަތު ފައިން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކީޕަރު އެއަރޮން ރަމްސްޑޭލްގެ އަތުގަ ޖެހިފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯއެވެ. އެންޑްރޫ ރޮބަޓްސަން އޭރިއާ ތެރެއިން ދިން ބޯޅަ ފިރްމީނޯ ގޯލަށް ވައްދާލީ އެއްފަހަރު ޖަހައެވެ.

މި މޮޅާއެކު ލިވަޕޫލުން ވަނީ 29 މެޗުން 69 ޕޮއިންޓް ހަމަކޮށްފައެވެ. ލީގުގެ އެއްވަނައިގައި މެންޗެސްޓަ ސިޓީ އޮތީ 29 މެޗުން 70 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ފޯރި ގަދަވެރިވެފައިވާއިރު މި ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ އެޕްރިލް 10 ވަނަ ދުވަހު ސިޓީގެ އެތިހާދު ސްޓޭޑިއަމްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު