ފްރެންޗް ލީގުގައި މޮނާކޯ އަތުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ލަދުވެތިގޮތަކަށް ބަލިވެއްޖެ އެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗު މޮނާކޯ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗާ ޕީއެސްޖީން ކުރިމަތިލީ އެ ޓީމުގެ މުހިއްމު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ނުލައެވެ.

މި ނަތީޖާއާއެކު މޮނާކޯ އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެއީ ކުޅުނު ނަވާރަ މެޗުން ލިބުނު 44 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އެއްވަނައިގައި އޮތީ ބޮޑު ލީޑަކާއެކު އެވެ. އެ ޓީމު އެއްވަނައިގައި އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން 65 ޕޮއިންޓާއެކު އެވެ.

ޕީއެސްޖީއަށް ވުރެ މި މެޗުގައި މޮނާކޯގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. މޮނާކޯގެ ހައި ޕްރެސިން ގޭމުގެ ސަބަބުން ޕީއެސްޖީއަށް މި މެޗުގައި އެ ޓީމުގެ އަސްލު ކުޅުން ދެއްކޭގޮތެއް ނުވިއެވެ.

މޮނާކޯ އިން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. ޔޫސުފް ފޮފާނާގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ވިސާމް ބެން ޔާދަރު އެވެ. ފުރަތަމަ ހާފު އެއް ލަނޑުގެ ލީޑަކާއެކު ނިމުނުއިރު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރުބެން ގެ އެހީއާއެކު ކެވިން ވޯލަން އެވެ.

މެޗުގައި މޮނާކޯގެ ތިންވަނަ ލަނޑަކީ މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ވިސާމް ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން ބަލިވުމާއެކު ރަށުންބޭރުގައި ޕީއެސްޖީ ޖެހިޖެހިގެން ބަލިވި މެޗުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.