ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ އިން ބަޔާން މިއުނިކް ކެޓުމުން ލިބެމުން އަންނަ މަރުގެ އިންޒާރުތަކަށް ފަރުވާލެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ސްޕެއިންގެ ވިޔަރެއާލް އަތުން ބަލިވެ ބަޔާން ވަނީ މުބާރާތާ އަލްވަދާއު ކިޔައިފިއެވެ. ބަޔާން ކެޓުމާ ގުޅިގެން އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ނުރުހުން ނާގަލްސްމަން އަށް އަމާޒުވެފައިވާއިރު އޭނާ ވަނީ އޭނާ އަށް ދެ ދުވަސް ތެރޭ 450 އެއްހާ މަރުގެ އިންޒާރު ލިބިފައިވާ ކަމަށް ބުނެފައެވެ. ނާގަލްސްމަން ބުނީ ބައެއް ފަހަރު އޭނާގެ މަންމަ ގުޅުވައިގެން ވެސް އިންޒާރުތަކެއް ދީފައި ހުންނަ ކަމަށެވެ.

" އިންސްޓަގްރާމްގައި އެބަހުރި އަހަރެން މަރާލާނެ ކަމަށް ބުނެ 450 އެއްހާ އިންޒާރު ދީފަ. ވިޔަރެޔާލް މެޗު ނޫނަސް، ކޮންމެ މެޗެއް ނިންމާފަހެން އަހަންނަށް އެ އިންޒާރުތައް ލިބޭ. އެއީ އެ މެޗަކުން މޮޅުވިޔަސް ބަލިވިޔަސް. ގިނަ މެސެޖުތަކެއް ނުވެސް ކިޔަން. ހަމައެކަނި ފުރަތަމަ ދެތިން ޖުމްލަ މި ކިޔަނީ. އެ ހުރިހާ މެސެޖެއް ކިޔަންވެއްޖެއްޔާ ދުވަހަކު ކިޔައި ނުނިމޭނެ. ބައެއް ފަހަރަށް ހުރޭ އަހަރެންގެ މަންމަ އާ ގުޅުވައިގެން ވެސް މެސެޖުތަކެއް އައިސްފަ. ބޭނުންވާ ކޮންމެ އެއްޗެއް ކޮންމެ މީހަކަށް ބުނެވޭނެ. އެކަމަކު މީހުން ވެއްޖެ ކަންނޭނގެ ވިސްނާލަން މި ބުނެވެނީ ކިހާވަރެއްގެ އެއްޗެއް ކަމެއް. އަހަރެން އެ މެސެޖުތަކާ ޑީލްކުރަން ހަދާގޮތަކީ އެއްވެސް ގޮތަކަށް އަޅާނުލައި ބެހެއްޓުން، " ނާގަލްސްމަން ބުންޏެވެ.

ޗެމްޕިއަންސް ލީގުން ބަޔާން ކެޓުމުން ނާގަލްސްމަން އަށް ޕްރެޝަރު ބޮޑުވެ އެ ކްލަބުގެ ކޯޗުކަމުން އޭނާ ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރެން ފަށައިފައެވެ. ޖަރުމަން ކަޕުން ވެސް ބަޔާން ކަޓާފައިވާއިރު މިސީޒަނުގައި ބަޔާން އަށް ހޯދެން އޮތް ހަމައެކަނި ތައްޓަކީ ލީގެވެ.