ސްޕެނިޝް ލަލީގާގައި ފަހުވަގުތު ކަރިމް ބެންޒެމާ ޖެހި ލަނޑުން ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުން ސެވިއްޔާގެ މައްޗަށް ރެއާލް މެޑްރިޑް ކުރިހޯދައިފިއެވެ.

ސެވިއްޔާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ސެވިއްޔާއިން ރަނގަޅަށް ކުޅެފައިވާއިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗްއެވެ.

މި ލަނޑާއެކު ރެއާލް އިން ކުޅުމުގެ ތެރެއަށް އަނބުރާ އައުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް، ސެވިއްޔާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލަމެލާއެވެ.

މިއާއެކު، ރެއާލުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ސެވިއްޔާގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިފައިވަނީ 0-2 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ސެވިއްޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ބަދަލުތަކާއެކު ރެއާލްއިން ފަށާފައިވާއިރު، ފުރަތަމަ ފަސް މިނެޓު ތެރޭގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ކަވަހާލްގެ އެހީތެރިކަމާއެކު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ރޮޑްރިގޯއެވެ.

މި ލަނޑަށްފަހުވެސް ގިނަ އެޓޭކްތަކެއް ރެއާލްއިން ކުރަމުންދިޔައިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައްވެސް އެޓީމުން ދިޔައީ ތަނަވަސްކުރަމުންނެވެ. އެގޮތުން ރެެއާލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ކަވަހާލްގެ އެހީތެރިކަމާއެކު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ނެޗޯއެވެ. އޭނާ ލަނޑު ޖެހީ ކުޅެން އަރާ ފުރަތަމަ ޓަޗުންނެވެ.

ރެއާލްއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އިތުރުވަގުތުގެ ތެރޭގައި ރޮޑްރިގޯގެ އެހީތެރިކަމާއެކު ބެންޒެމާއެވެ. މި ސީޒަނުގައި ބެންޒެމާ 25 ލީގު ގޯލު މިހާތަނަށް ކާމިޔާބުކޮށްފައިވާއިރު، މިއީ އޭނާގެ ކެރިޔަރުގައި މި އަދަދަށް ލީގު ގޯލު ހަމަކުރި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 32 މެޗުން ލިބުނު 75 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ސެވިއްޔާ އޮތީ ކުޅުނު 32 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ޕޮއިންޓް ތާވަލުގެ ދެވަނައިގައި ބާސެލޯނާ އޮތީ ސެވިއްޔާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ.