ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިހާރު ދިމާވެގެން އުޅޭ ކަމަކީ، އެ ކްލަބަށް ހުރިހާ ކަމެއް އޮޅުން ފިލާފައި ވަނިކޮށް، ބޭއްވި އިންތިހާބުގެ ނަތީޖާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޑެޕިއުޓީ ޖެނެރަލް ސެކެޓްރީ އަބްދުﷲ ޝިބާއު (ޝިބާ) ވިދާޅުވެއްޖެއެވެ.

މިއަދު އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިބާ ވިދާޅުވީ، ރޭޑިއަންޓްގެ ހާލަތު އޮތް ގޮތް ވަރަށް ސާފުކޮށް އެ ކްލަބުން ބޭއްވި އިންތިހާބުގެ ކުރިން ކްލަބާ ހިއްސާކޮށްފައިވާނެ ކަމަށާއި، މިހާރު ދިމާވެގެން މިއުޅޭ ހުރިހާ ކަމަކީ ކަންކަން އޮޅުން ފިލާފައި ވަނިކޮށް ކުރިޔަށް ގެންދިޔަ އިންތިހާބުގެ ނަތީޖާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ، އެފްއޭއެމް އިން ރޭޑިއަންޓްގެ ފައުންޑާ އަދި ޗެއާމަން ވާސިފް މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ބައްދަލުކޮށް، އެ ކްލަބަކީ އޭއެފްސީން ފްލެގް ކޮށްފައިވާ ކްލަބެއްކަން ސާފުކޮށްދީފައިވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ރޭޑިއަންޓުން އިންތިހާބެއް ބާއްވާއިރު ވިސްނަން ޖެހޭ ކަންކަމުގެ އިތުރުން ކްލަބް ލައިސަންސިންގައި ދިމާވެދާނެ ކަންކަން ސާފުކޮށްދީފައިވާނެ ކަމަށާއި، އަދި ރޭޑިއަންޓުން އެ ކްލަބުން ބާއްވާ އިންތިހާބާ ބެހޭ ތަފްސީލް އެފްއޭއެމްއާ ހިއްސާކުރި ކަމަށް ޖަވާޒް ވަނީ ވިދާޅުވެފައެވެ.

"ރޭޑިއަންޓްގެ އެއްވެސް ރަސްމީ ލިޔެ ކިޔުމެއް އެފްއޭއެމްއާ ހިސާބަށް ނައިސް އޮއްވައި، އޭއެފްސީން އެ ކްލަބް ފްލެގް ކުރިކަން އަޅުގަނޑުމެންނަށް އެންގީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު. އަދި އޭއެފްސީން އަޅުގަނޑުމެން ކައިރީ އެދުނީ ރޭޑިއަންޓާ ބެހޭ މައުލޫމާތު ހިއްސާކުރަން. އޭރު އޭއެފްސީން ސަކްސެސާއެއްގެ ގޮތުގައި ނުނިންމާ. އަޅުގަނޑުމެން އޭރު ބުނެފައި އޮންނާނީ މައުލޫމާތު ހޯދާނެ ކަމަށާއި، ރޭޑިއަންޓަކީ އެފްއޭއެމްއާ އެފިލިއޭޓްވެފައިވާ ކްލަބެއް ނޫން ކަމަށް" އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޖަވާޒް ވިދާޅުވިއެވެ.

މީގެއިތުރުން، އޭއެފްސީއަށް ރޭޑިއަންޓް ފްލެގްވުމުގައި ހައިރާންވާން ނުޖެހޭކަން ފާހަގަކުރައްވާ ޖަވާޒް ވިދާޅުވީ، އޭއެފްސީގެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، މިކަހަލަ ކަންކަމަށްވެސް އޭއެފްސީގެ ކަންކަން މިހާރު އޮންނަނީ ހާއްސަވެފައި ކަމަށެވެ.

ރޭޑިއަންޓްގެ އިންތިހާބު މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާފައިވާއިރު، އިންތިހާބު ކުރި ބޯޑުގެ ޗެއާމަން ވާސިފްގެ އިތުރުން ހަޒާންދާރު ޒަހީނުއްދީނަކީ ނިއުރޭޑިއަންޓްގެ އުވިދިޔަ ބޯޑުގެ މެމްބަރުންކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ލޯޔަރު މުހައްމަދު ޖައުޝަން ވަނީ ވިދާޅުވެފައެވެ.

"ސުވާލު އުފެދޭ ކަންނޭގޭ އޭއެފްސީއަށް މިކަމުގައި ފްލެގް މިކުރީ ކީއްވެކަން. އޭއެފްސީގެ މަސައްކަތްތައްވެސް މިހާރު ވަރަށް ބޮޑަށް މިވަނީ ބަދަލުވެފައި. އެގޮތުން އިންޓަގްރިޓީ ޑިޕާޓްމަންޓެއް އުފެދި. ސްޕޯޓްސް ރާޑާ ނަމުގައި އޮންނަ ބަޔަކާއެކު އެބަ އޮވޭ މުއާހަދާތަކެއް ކުރެވިފައި. މަސައްކަތްތަކެއް އަބަދުވެސް ކުރެވޭ ޑޮކިއުމެންޓޭޝަން ބަދަލުނުކުރިޔަސް. ނިއުރޭޑިއަންޓްގެ ދަރަންޏެއް އެބަ އޮތް. ވަރަށް ބައިވަރު ކުޅުންތެރިންނަށް ފައިސާ ދޭންޖެހޭ ކަމަށް އެބަ އޮތް ފީފާގެ ކޮމެޓީތަކުންވެސް ނިންމާފައި. ރޭޑިއަންޓް އިން ދިޔައީ އެ ކްލަބުގެ ފޭސްބުކް ޕޭޖުގައި ހުރިހާ ކަމެއް ހިއްސާ ކުރަމުން" އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޖަވާޒް ވިދާޅުވިއެވެ.

އެފްއޭއެމްއާ އެފިލިއޭޓްވުމަށާއި، މުބާރާތްތަކުގައި ބައިވެރިވުމަށް އެދި ރޭޑިއަންޓްގެ ލިޔުމެއް އެފްއޭއެމްއަށް މިދިޔަ މަހުގެ 28 ގައި ލިބިފައިވާއިރު، އެފްއޭއެމް އިން ވަނީ އޭއެފްސީން އެދިފައިވާ ގޮތަށް ރޭޑިއަންޓާ ބެހޭ މައުލޫމާތު ހޯދުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގައި އެދިފައި ކަމަށާއި، އަދި އެ ލިބުނު މައުލޫމާތުތައް ތަފްސީލްތަކާއެކު އޭއެފްސީއަށް ފޮނުވި ކަމަށް ޖަވާޒް ވަނީ ވިދާޅުވެފައެވެ.

މިގޮތުން ޖަވާޒް ވިދާޅުވީ، އެ ފޮނުވި މައުލޫމާތުތައް ބެލުމަށްފަހު އޭއެފްސީން އެ އެސޯސިއޭޝަނަށް މި މަހުގެ 13 ވަނަ ދުވަހު ރޭޑިއަންޓަކީ އޭއެފްސީގެ މިންގަނޑުތަކަށް ބަލާއިރު ސަކްސެސާއެއް ކަމަށް ފެންނަ ކަމަށެވެ. އަދި މިއާއެކު، އިއްޔެ ރޭޑިއަންޓާ ބައްދަލުކޮށް އެފްއޭއެމްގެ މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ނުދެވޭނެކަން އެންގި ކަމަށް ޖަވާޒް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ބައްދަލުވުމަކީ މިކަމަށް ހައްލު ގެނައުމަށް ރޭޑިއަންޓާއެކު ބޭއްވުނު ބައްދަލުވުމެއްކަމުގައި ވީ ނަމަވެސް، ރޭޑިއަންޓްގެ އަމަލުތަކުގެ ސަބަބުން އެ ބައްދަލުވުން ކުރިޔަށް ނުގެންދެވި ކުރުކޮށްލަން ޖެހުނު ކަމަށާއި، އަދިވެސް މިކަމަށް ހައްލު ގެނައުމަށް ފުރުސަތު އޮތް ކަމަށް ޖަވާޒް ވަނީ ވިދާޅުވެފައެވެ.

"އެއްގޮތަކަށްވެސް އެފްއޭއެމްއިން ކަމެއް ނިންމައިގެ އުޅެނީއެއް ނޫން. ކްލަބަކަށް ހުރަސް އަޅައިގެން އުޅެނީކީވެސް ނޫން. 11 ޖުލައި 2019 ގައި ފީފާ އިން މިވަނީ ބޮޑެތި ބަދަލުތަކެއް ޑިސިޕްލިނަރީ ކޯޑާއި، ހާއްސަކޮށް ސްޕޯޓިން ސަކްސެސާގެ ކަންތައްތަކުގައި އެބަހުރި ބޮޑެތި ބަދަލު ގެނެސްފައި. މިއީ ރާއްޖޭގައި އަލަށް ދިމާވި ކަމެއް. ދުނިޔޭގައި ވަރަށް ގިނައިން ހިނގާ ކަމެއްކަން ފާހަގަކޮށް މިކަހަލަ ކަންކަމަށް ފީފާއިން މިވަނީ ވަރަށް ބޮޑަށް ފާރަވެރިވެފައި. އަޅުގަނޑުމެން މި ބަލަނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބް ވިޔަސް ކޮންމެ ކްލަބެއް ވިޔަސް އެ އިންނަ ގަވައިދުގެ ތެރެއިން އަޅުގަނޑުމެންގެ އެފިލިއޭޝަން އާއި ކްލަބް ލައިސަންސިންގެ ތެރެއިން ފުރުސަތު ދިނުން" އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޖަވާޒް ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު އޭއެފްސީގެ ކްލަބް ލައިސަންސިން ހެޑާއެކު ފޯން ކޯލް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އޭއެފްސީން ވަނީ މިކަމުގައި އެފްއޭއެމް އާއި އޭއެފްސީއާ ދެމެދު ކޮށްފައިވާ މުއާމަލާތްތައް ރޭޑިއަންޓާ ހިއްސާ ކުރުމަށް ނިންމާފައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޝިބާ ވަނީ ވިދާޅުވެފައެވެ.

މިކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާއިރު ދެން އެންމެ ބޮޑަށް ދިމާވާނެ ގޮންޖެހުމަކީ ރޭޑިއަންޓްގެ ބޯޑަށް އަދި ކުލަތަކަށް ބަދަލުގެނައި ނަމަވެސް، އެއީ އޭއެފްސީން އުފައްދާފައިވާ ޝައްކުތައް ހަގީގަތަކަށް ވުމަށް ލިބޭ އިތުރު ބާރެއް ކަމަށް އެފްއޭއެމްގެ ލޯޔަރު ޖައުޝަން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އެފްއޭއެމް އިން ބުނެފައިވަނީ އަދިވެސް އެ އެސޯސިއޭޝަން އޮތީ ރޭޑިއަންޓަށް ދިމާވެފައިވާ ކަންކަން ހައްލުކޮށް، ގަވައިދުގެ ތެރެއަށް އެ ކްލަބް ވައްދައި، ކުރިޔަށް ދިޔުމަށް މަގު ތަނަވަސްކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާމިދު ޝާޙިދު

    ދެން އަހަރުމެން ހެންވޭރު ހުރިހާ އެންމެން ނުކުމެ ތި ދަރަނި ދައްކާ ހަލާސް ކޮށް އަލުން "ނިއު ރޭޑިއަންޓް" ވުޖޫދަށް ނެގެން ވީނުންތޯ! އެންމެ ސަޕޯޓަރުން އިރެއްގައި ގިނަ ކްލަބް. އެންމެ ކާމިޔާބު އެއް ކުލަބު. ދެން ކީކޭ ބުނާނީ! ބަޔަކު ލާރިކޮޅު ކާލީމާ އެކަމުގެ ހުރިހާ ގެއްލުމެއް ސަޕޯޓަރުންނަށް މިލިބުނީ. އެމީޙުން މާޔޫސް ކަމުގެ ތެރެއަށް މިދިއައީ. ބޭނުމެއްނޫން ރޭޑިއަންޓް ކްލަބެއް. ބޭނުންވަނީ ރީ ބްރެންޑް ކޮށްގެން ނަމަވެސް އަލުން ނިއު ރޭޑިއަންޓް ވުޖޫދަށް ގެންނަން.

  2. އަޑަފި

    ބައްސާމު ތިތާ ހުއްޓާ ވިކްޓަރީ އަދި ނިއުރޭޑިއަންޓްގެ ސަޕޯޔަތަކަށްވެސް ޓީމެއް ހެދިޔަނުދޭނެއެވެ.

    6
    1
  3. އަހްމަދު

    އޭއެފްސީ ކީއްކުރަން ފީއައްވެސް ނުނިންމޭނެ ރޭޑިއަންޓާ ނިއުރޭޑިއަންޓު އެއީއެއްކުލަބެއްކަމަކަށް އެކަމުކީއްކުރާނީ އެފްއޭއެމްގަ ތިބި ކަރަޕްޓް މީހުންގެނިންމުން އެފްއޭއެމުން ތިޔަ އިޢުލާނުކުރަނީ ވެލެންސިޔާގެ ބޯޑުންތިޔަނިންމާ ނިންމުމަކީ އިންސާފެއްނޫން

    5
    1
  4. ބަޑަންޑޫ

    ދުނިޔޭގަލެއްވިހާ ދޮގެއް ހަދާނެކަމެއްނެތް ކަލޭމެން އޭއެފްސީގަ ކިޔާ އާދޭސްކޮށްގެން ތިފިޔަވަޅުތައް ތިއަޅަނީ ކުރީގެ ދެ ބޯޑު މެމްބަރުން މިޓީމުބޯޑުގަ ތިބުމަކީ އެއީ ކުރީގެ ޓިމަށް ވާނެކަމެއް ނޫން އެފްއޭއެމުން ހަމަ ވަރަށް ބޮޑަށް ޒާތީވެގެން އެފްއޭއެމުން ކުރުވި ކަމެއްމީ މިކަމުން އެފްއޭއެމަށް ވަކި މޮޅުތަކެއްވޭތަ

    4
    1
  5. ބިންގޯ

    އެފް. އޭ. އެމް. މާ ލޭގެ ހޮޓަލަކަށް
    ދައްކަން އޮތް ފައިސާ އަދިވެސް ނުދައްކާ. ބައްސާ އާބައްދަލު ކުރަން ދިޔައީމަފިލީ.

  6. ކައްސާމު123

    ބައްސާމުގެ އަމިއްލަ ތަރިކަ މުދާތަ އެފްއޭމް އަކީ… ފުޓުބޯލައިގެ ހަލާކުތިީ😡