ރޭޑިއަންޓް ސްޕޯޓްސް ކުލަބާ މެދު އެޅި ފިޔަވަޅުތަކަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ވަކިން ރެޖިސްޓްރީ ކުރެވިފައިވާ އެހެން ގާނޫނީ ޝަހުސަކަށް ނިސްބަތްވާ ފިޔަވަޅުތަކެއް ކަމުން، މިކަމާ ގުޅުންހުރި ފަރާތްތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އެ ކުލަބުން މިހެން ބުނެފައިވަނީ އޭއެފްސީގެ ކޮމްޕެޓިޝަން އެންޑް ފުޓްބޯލް ޑިޕާޓްމަންޓް ގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ސޮއިކޮށްފައިވާ ސިޓީއަށް ރައްދުދީއެވެ.

އޭއެފްސީގެ މި ސިޓީ ގައިވާ ގޮތުން ރޭޑިއަންޓް އަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން އޮޅުވާލައިގެން އުފައްދާފައިވާ ކުލަބެއްކަމަށެވެ. އަދި ރޭޑިއަންޓް އަކީ ނިއުރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ އެއްގެ ގޮތުގައި އޭއެފްސީން ކަނޑައަޅާފައިވާ ކަމަށް ސިޓީގައިވެއެވެ.

"ފީފާގެ ރެގިއުލޭޝަން އޮން ސްޓޭޓަސް އެންޑް ޓްރާންސްފަރ އޮފް ޕްލޭޔަސް ގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތީން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ގެ ސްޕޯޓިން ސަކްސެސަރ ކަމުގައި ކަނޑައެޅިފައި ވާ ކަމަށާއި އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްއަށް އެޅިފައިވާ ހުރިހާ ފިޔަވަޅުތައް މި ކުލަބާއި އެކު ދެމިއޮންނާނެ ކަމަށް ކަނޑައަޅާފައިވާ ކަމުގައިވެސް ވަނީ އަންގާފައި" ރޭޑިއަންޓްގެ ބަޔާނުގައިވެއެވެ.

ރޭޑިއަންޓަށް މިވަރުގެ ބޮޑު އަދަބެއް ދިނުމާ ގުޅިގެން، އެފްއޭއެމް ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި އެ ކުލަބަށް ބައިވެރިނުވެވޭނެއެވެ. އޭއެފްސީން ބެލި ބެލުމުގައި ރޭޑިއަންޓްގެ ބޯޑުގައި ނިއުރޭޑިއަންޓާއި ގުޅުންހުރި ފަރާތްތަކެއް ހުއްޓެވެ. އެހެންކަމުން ނިއުރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާާއަކަށް ރޭޑިއަންޓް ކަނޑައެޅުމުގައި މިކަމަށް ބޮޑު ބާރެއް ލިބުނެވެ.

ރޭޑިއަންޓުން ވަނީ ތިންވަނަ ޑިވިޝަނަށް ތައްޔާރުވާން ވެސް ފަށާފައެވެ. އެގޮތުން ނިއުރޭޑިއަންޓަށް ކުޅުނު ބަައެއް ކުރީގެ ކުޅުންތެރިންނާއި ފަހުގެ ހުނަރުވެރި ކުޅުންތެރިންނާާއި ކޯޗިން ޓީމެއްވެސް ދަނީ އެކުލަވާލަމުންނެވެ.

މިކަމާ ގުޅިގެން ނިއުރޭޑިއަންޓުން މުސާރަ ދޭންޖެހޭ ބައެއް ބިދޭސީ ކުޅުންތެރިންވެސް ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. އެގޮތުން އެ ޓީމަށް ކުޅުނު އަފްގާނިސްތާނުގެ އަމީރީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފީފާ އިންވެސް ވަނީ ބިދޭސީ ކުޅުންތެރިންނާއި ކޯޗަށް ދޭންޖެހޭ ފައިސާ ދިނުމަށް އަންގާފައެވެ.