ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅަ އޭޖެންޓުގެ ތެރޭގައި ހިމެނޭ އިޓަލީގެ މިނޯ ރައޯލާ އުމުރުން 54 އަހަރުގައި މަރުވެފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް އޭނާ މަރުނުވާކަން ހާމަވެއްޖެ އެވެ.

އިޓަލީއަށް ނިސްބަތްވާ މި އޭޖެންޓަކީ ޒްލަޓާން އިބްރަހިމޮވިޗް، ޕައުލް ޕޮގްބާ، އާލިން ހާލަންޑް، މާކޯ ވެރާޓީ، މޮއިސް ކީން، ހެންރިކް މިކްތަރިޔާން، ޖިއަންލުއިޖީ ޑޮނަރުއްމާ، މާރިއޯ ބަލޮޓެލީ ފަދަ ދުނިޔޭގެ ފުޓުބޯޅައިގެ ވަރުގަދަ ނަންތަކެއް ތަމްސީލުކުރި އޭޖެންޓެކެވެ.

އިބްރަހިމޮވިޗާއި އެކު ރަޔޯލާ

އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވިއިރު އޭނާ ދިޔައީ ފުއްޕާމޭގެ ބައްޔަކާއި ހަނގުރާމަކުރަމުންނެވެ. ނަމަވެސް މި ހަބަރު އިޓަލީގެ އިތުރުން މުޅި ދުނިޔެއަށްވެސް ފެތުރުނުތާ މާ ގިނައިރުތަކެއް ނުވެ ރަޔޯލާ ވަނީ އޭނާ ދިރި ދުނިޔޭގައި ހުރިކަން ހާމަކޮށް ޓްވީޓެއް ކޮށްފައެވެ،

މި ޓްވީޓުގައި އޭނާ ވަނީ މީޑިއާތަކުން އޭނާ މިހާތަނަށް މި ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ދެ ފަހަރަށް މަރާލި ކަމަށެވެ.

ރައޯލާ ވަނީ ދުނިޔޭގެ ވަރުގަދަ ޓްރާންސްފަރތަކުގައި ބޮޑު ދައުރެއްް އަދާކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އިން މެންޗެސްޓަރ ޔުނައިޓެޑަށް ރެކޯޑު އަގެއްގައި ބަދަލުވި ޕައުލް ޕޮގްބާގެ އޭޖެންޓަކަށް އޭނާ ހަރަކާތްތެރިވިއެވެ.

ބަލޮޓެލީ އައެކު ރަޔޯލާ

އޭނާގެ ކެރިއަރު ފަށާފައިވަނީ 80 ގެ އަހަރުތަކުގެ ތެރޭގައެވެ. އެންމެ ފުރަތަމަ އޭނާ އޭޖެންޓުކަން ކުރިއިރު އެންމެ ފާހަގަކޮށްލެވޭ އެއް ޓްރާންސްފަރ އަކީ 1993 ވަނަ އަހަރު އަޔެކްސް އިން އިންޓަމިލާނަށް ޑެނިސް ބާކަމްޕް ބަދަލުވި ޓްރާންސްފަރ އެވެ.

މީގެއިތުރުން ސިޓީގއާއި ޝެއިހް މަންސޫރު ހަވާލުވިތާ ކުރީކޮޅު ރެއާލް މެޑްރިޑުން މެންޗެސްޓަރ ސިޓީއަށް ބަދަލުވި ބްރެޒިލްގެ ރޮބީނިއޯގެ ޓްރާންސްފަރ ގައިވެސް އޭނާ ހަރަކާތްތެރިވިއެވެ.