ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅަ އޭޖެންޓުގެ ތެރޭގައި ހިމެނޭ އިޓަލީގެ މިނޯ ރައޯލާ އުމުރުން 54 އަހަރުގައި މަރުވެއްޖެއެވެ.

ފުއްޕާމޭގެ ބައްޔަކަށް ހަނގުރާމަ ކުރަމުންދަނިކޮށް ރައޯލާ މަރުވިކަން އޭނާގެ އާއިލާއިން ކަށަވަރު ކޮށްދީފައިވާއިރު، އޭނާ މަރުވި ކަމަށް މީގެ ދެ ދުވަސް ކުރިން ދޮގު ހަބަރުތައްވެސް ވަނީ ފެތުރިފައެވެ.

އިޓަލީއަށް ނިސްބަތްވާ މި އޭޖެންޓަކީ ޒްލަޓާން އިބްރަހިމޮވިޗް، ޕައުލް ޕޮގްބާ، އާލިން ހާލަންޑް، މާކޯ ވެރާޓީ، މޮއިސް ކީން، ހެންރިކް މިކްތަރިޔާން، ޖިއަންލުއިޖީ ޑޮނަރުއްމާ، މާރިއޯ ބަލޮޓެލީ ފަދަ ދުނިޔޭގެ ފުޓުބޯޅައިގެ ވަރުގަދަ ނަންތަކެއް ތަމްސީލުކުރި އޭޖެންޓެކެވެ.

ރައޯލާ ވަނީ ދުނިޔޭގެ ވަރުގަދަ ޓްރާންސްފަރތަކުގައި ބޮޑު ދައުރެއްް އަދާކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އިން މެންޗެސްޓަރ ޔުނައިޓެޑަށް ރެކޯޑު އަގެއްގައި ބަދަލުވި ޕައުލް ޕޮގްބާގެ އޭޖެންޓަކަށް އޭނާ ހަރަކާތްތެރިވިއެވެ.

ފުޓުބޯޅަ ކެރިއަރު ރައޯލާ ފަށާފައިވަނީ 80 ގެ އަހަރުތަކުގެ ތެރޭގައެވެ. އެންމެ ފުރަތަމަ އޭނާ އޭޖެންޓުކަން ކުރިއިރު އެންމެ ފާހަގަކޮށްލެވޭ އެއް ޓްރާންސްފާ އަކީ 1993 ވަނަ އަހަރު އަޔެކްސް އިން އިންޓަމިލާނަށް ޑެނިސް ބާކަމްޕް ބަދަލުވި ޓްރާންސްފާ އެވެ.

މީގެއިތުރުން ސިޓީގއާއި ޝެއިހް މަންސޫރު ހަވާލުވިތާ ކުރީކޮޅު ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީއަށް ބަދަލުވި ބްރެޒިލްގެ ރޮބީނިއޯގެ ޓްރާންސްފާ ގައިވެސް ރައޯލާ ހަރަކާތްތެރިވިއެވެ.