ޕްރިމިއާ ލީގުގައި 1-1 ގެ ނަތީޖާއަކުން ޗެލްސީއާ އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ގޮސްފައިވަނީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ދިޔައީ ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، ފުރަތަމަ ހާފްގައި ޔުނައިޓެޑުން ކުރަމުންދިޔަ ޑިފެންސާއި، ކީޕަރު ޑެހެއާގެ ސޭވްތަކުން ޗެލްސީއަށް ފުރަތަމަ ހާފްގައި ލަނޑެއް ޖެހިފައެއް ނުވެއެވެ. އަދި މި ހާފްގައި ޔުނައިޓެޑަށްވެސް މާ އެދެވޭ އެޓޭކެއް ކުރެވިފައިނުވެއެވެ.

ފުރަތަމަ ހާފް ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ އެޓޭކްތައް އިތުރަށް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މި ލަނޑު 60 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކޮސް އެލެންސޯއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑުތަކަށްފަހު، ދެޓީމުންވެސް ފަހު 10 މިނެޓުގައި ބަދަލުތައް ގެނެސްފައިވާއިރު، އެ ބަދަލުތަކާއެކު ދެޓީމުވެސް ފެނިގެންދިޔައީ އިތުރަށް ވަރުގަދަކޮށެވެ. ނަމަވެސް ދެޓީމަށްވެސް ލީޑު ނެގުމަށް ލިބުނު ފުރުސަތުތައް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތް ވަނީ ނުވެފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑަށް 35 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ހަވަނައިގައެވެ. އަދި ޔުނައިޓެޑަށް ލީގުގައި ބާކީ އޮތް ތިން މެޗުން މޮޅުވެގެންވެސް ގަދަ ހަތަރަކުން ފުރުސަތު ނުލިބޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ލީގުގެ ގަދަ ހަތަރަކަށް މިހާރު ވާދަކުރަނީ 60 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް އާސެނަލްގެ އިތުރުން 58 ޕޮއިންޓާއެކު ފަސް ވަނައިގައި 58 ޕޮއިންޓާއެކު އޮތް ޓޮޓެންހަމް ހޮޓްސްޕާއެވެ. އެ ދެޓީމަށްވެސް ލީގުގައި ބާކީ އަދި ފަސް މެޗު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާ އެނގޭ

    އެ ކިހިނެއް ބަލާފަ މެންޔޫ އަށް އެއްކޮށް ފުރުސަތު ގެއްލުނީ. އަހަރެން ބެލި ބެލުމުން އަދިވެސް ވަރަށް ހަނި ފުރުސަތެއް މެން ޔޫ އަށް އެބައޮތް. އެއީ 35 މެޗުން މެންޔޫ އަށް 55 ޕޮއިންޓް، 33 މެޗުން އާސެނަލް އަށް 60 ޕޮއިންޓް، އަދި 33 މެޗުން 58 ޕޮއިންޓް ޓޮޓްހަމް ހޮޓްސްޕާއަށް. އެހެން ވީމާ ހިސާބު ޖަހާއިރު ހުރިހާ ފުރުސަތަކަށް ވެސް ބަލަން ވާނެ. މީ ފުޓުބޯޅަ. ހީނުކުރާ ގޮތް ތަކަކަށް ވެސް ނަތީޖާ ތައް ނިކުމެދާނެ.