ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލްގައި މިރޭ ލިވަޕޫލާއި ޗެލްސީ ވާދަކުރާނެއެވެ. ވެމްބްލީގައި މިރޭ ކުޅޭ ފައިނަލަކީ ދެ ޓީމަށްވެސް މޮޅުވުން މުހިއްމު މެޗެކެވެ. ލިވަޕޫލުން މި ސީޒަނުގައި ހަތަރު ތަށި ހޯދަން މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ވަނީ ޗެލްސީ ބަލިކޮށް ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން މިދިޔަ ސީޒަނާ އަޅާބަލާއިރު މިސީޒަނުގައި އަޑިއަޅާލި ޗެލްސީ އަށް އެކަމުން އަރައިގަނެ، ތައްޓަކާއެކު ސީޒަން ނިންމާލެވެން އޮތީ މިރޭގެ ފައިނަލް ކާމިޔާބު ކޮށްގެންނެވެ.

މިދިޔަ ފެބްރުއަރީ މަހު ކުޅުނު ކަރަބާއޯ ކަޕުގެ ފައިނަލުގައި ޔާގެން ކްލޮޕްގެ ޓީމުން ކުރިހޯދީ ޕެނަލްޓީގައެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް މިރޭގެ މެޗަށް ނުކުންނައިރު ފޭވަރިޓުންނަކީ ލިވަޕޫލޭ ބުނެވިދާނެއެވެ.

ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ޓުޗެލް ބުނީ ލިވަޕޫލް ބަލިކުރަން އުނދަގޫ ވާނެ ކަން އެނގޭ ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ތަށި ނަގާނީ ޗެލްސީ ކަމަށެވެ. އަދި އުއްމީދު ކުރަނީ މިރެއަކީ އެކަހަލަ ފުރިހަމަ ރެއަކަށް ވުން ކަމަށް ޓުޗެލް ބުންޏެވެ.

" ލިވަޕޫލް ބަލިކުރަން އަހަރެމެން އެބަޖެހޭ ވަރަށް ޕާފެކްޓް ވާން. އެމީހުންނަކީ ވަރަށް ހައި ޑިފެންސިވް ލައިނެއްގައި ކުޅޭ ޓީމެއް. އެއީ އެމީހުންގެ ސްޓައިލް. އެހާ ފަސޭހައެއް ނޫން ހަގީގަތުގައި ކައުންޓާގައި ކުޅެން. ވަރަށް ރަނގަޅު ކަނެކްޝަނެއް އޮންނަން ޖެހޭ ޕާސް ދޭ މީހާ އާއި އެ ރިސީވްކުރާ މިހާ އާ ދެމެދު. އެކަމަކު އެމީހުންނާ ދެކޮޅަށް ފުރުސަތުތައް ތަނަވަސްކުރެވޭ ކަން އަހަރެމެން ވާނީ ކަރަބާއޯ ކަޕް ފައިނަލްގައި ސާބިތުކޮށްދީފަ. އުނދަގޫ ނަމަވެސް ކޮންމެ ކަމަކަށް ވެސް ހައްލު ލިބޭނެ ރަނގަޅަށް ކަންތައްތައް ދާ ދުވަހެއްގައި. އަހަރެމެންގެ އުއްމީދަކީ މިރެއަކީ އެކަހަލަ ރެއަކަށްވުން، " ޓުޗެލް ބުންޏެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި ލެސްޓާ އަތުން ބަލިވެ ޗެލްސީ އަށް މި މުބާރާތް ގެއްލުނުއިރު އެ ޓީމުން އެންމެ ފަހުން އެފްއޭ ކަޕް ނެގީ 2018 ވަނަ އަހަރުއެވެ. އަނެއްކޮޅުން މިރޭގެ ފައިނަލަކީ މިދިޔަ 10 އަހަރު ތެރޭ ލިވަޕޫލުން އެފްއޭ ކަޕް ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ލިވަޕޫލުން މި މުބާރާތުގެ ފައިނަލްގައި ކުޅުނު ފަހަރު ޗެލްސީއާ ވާދަކޮށް 2-1 އިން ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު