ފްރެންޗް ލީގުގައި ރޭ ލިއޮނެލް މެސީ އަދި ކީލިއަން އެމްބާޕެގެ ގޯލްތަކުން މޮންޕެލިއޭ އަތުން ޕެރިސް ސެއިންޓް ޖަމެއިން (ޕިއެސްޖީ) ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅެ ޕީއެސްޖީން މޮންޕެލިއޭ ބަލިކުރީ 4-0 އިންނެވެ. މެޗަށް ނުކުތްއިރު ވެސް ޕީއެސްޖީއަށް ވަނީ ލީގު ކަށަވަރުވެފައެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 37 މެޗުން 83 ޕޮއިންޓް ލިބިފައެވެ. ލީގުގެ ފަހު މެޗުގައި ޕީއެސްޖީން އަންނަ ހަފުތާގައި ވާދަކުރާނީ މެލްޓްޒްއާ އެވެ. އެ މެޗުގައި ލީގު ތަށި ޕީއެސްޖީއާ ހަވާލުކުރާނެއެވެ.

ރޭ މޮންޕެލިއޭ ކޮޅަށް ޕީއެސްޖީން ޖެހި ހަތަރު ގޯލްގެ ތެރެއިން ފުރަތަމަ ދެ ގޯލް ޖެހީ މެސީ އެވެ. މެސީގެ ފުރަތަމަ ގޯލް މެޗުގެ 6 ވަނަ މިނެޓުގައި އެމްބާޕެ ދިން ބޯޅައަކުންނެވެ. އޭރިއާ ތެރެއިން މެސީ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފައެވެ. މެސީގެ ދެވަނަ ގޯލަކީ ވެސް އެމްޕާބެގެ އެހީތެރިކަމާއެކު ޖެހި ގޯލެކެވެ. އޭރިއާ ތެރެއަށް އެމްބާޕެ ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށްފަހު މެސީ ގޯލަށް ބޯޅަ ވައްދާލީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އެވެ.

ޕީއެސްޖީގެ ތިންވަނަ ގޯލް މެޗުގެ 26 ވަނަ މިނެޓުގައި ހާފް ވޮލީ އަކުން ޖެހީ އެންހެލް ޑި މާރިއާ އެވެ. ހަތަރު ވަނަ ގޯލް އެމްބާޕެ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން އޭނާ އަށް މޮންޕެލިއޭގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕީއެސްޖީ އަށް ދިން ޕެނަލްޓީއެކެވެ. އެމްބާޕެ ވަނީ ލީގުގައި 24 ގޯލް ޖަހައިފައެވެ. އޭނާ އަށް ރަން ބޫޓު ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު އެސިސްޓް ޗާޓުގެ ކުރީގައި އޮތީ ވެސް އެމްބާޕެ އެވެ.