މަތިވެރި އެސޯސިއޭޝަން ފޯ ރެކްރިއޭޝަން އެން ސްޕޯޓްސް (މާންސް) އެކަޑަމީއަށް މަޝްހޫރު ޒޯރާ ހާޑްވެއާގެ ވެރިޔާ އާދަމް އަރީފް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

އއ. މަތިވެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާދަމް އަރީފް މާންސްއާ ހަވާލުކޮށްފައި ވަނީ ފުޓުބޯޅައިގައި ގެންގުޅޭ އެކި ސާމާނުން ފެށިގެން ވޮލީގެ މި ސާމާނުތަކުގެ އިތުރުން އެކަޑަމީއަކަށް ބޭނުންވާނޭ ގިނަ އަދަދެއްގެ ސާމާނެވެ.

މި ރަސްމިއްޔާތުގައި ޒޯރާ ހާޑްވެއާގެ ވެރިޔާގެ އިތުރުން ދެން ބައިވެރިވެފައި ވަނީ މާންސް ޖަމްއިއްޔާގެ ރައީސް އިސްމާއީލް ނަސީމް (ބޯވަ)، ޖަމްއިއްޔާގެ އިސްވެރިންނާއި މެމްބަރުން އަދި އެކަޑަމީގައި ހިމެނޭ ކުދިންނެވެ.

މަތިވެރިއަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިޔާ އާދަމް އަރީފް މާންސްއާ ހަވާލުކުރި ސާމާނުގެ ތެރޭގައި ބޯޅަ ދާގަނޑު، ބިބް ސެޓް، ބެލެންސް ބޯލް، މެޑިސިން ބޯލް، ކީޕަރު ޓްރެއިނިން އަށް ބޭނުންވާ ސާމާނު އަދި އެކި ސައިޒުގެ ބޯޅަ ހިމެނެއެވެ.

މި ސާމާނު މާންސްއާ ހަވާލުކުރުމަށްފަހު ވާހަކަދައްކަމުން ޒޯރާ ހާޑްވެއާގެ ވެރިޔާ އާދަމް އަރީފް ބުނީ، ރަށުގެ ޒުވާނުންގެ މިފަދަ ކަމަކަށް އެހީވާން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަޑަމީން އުފައްދަންވީ ހަމައެކަނި މޮޅު ކުޅުންތެރިން ނޫން ކަމަށާއި، ހަރުދަނާ ރަނގަޅު ދަރިންތަކެއް އެކަޑަމީ ތެރެއިން އުފެދިގެންދިއުމަކީ ބޮޑު އުއްމީދެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އަސްލު ހަގީގަތުގަ ވަރަށް އުފާވޭ މިވަރުގެ ހޭދައެއް މި އެކަޑަމީއަށް ކުރެވޭތީ، މިކަންކަން ވެސް މި ކުރެވެނީ ޖަމިއްޔާގެވެސް ހިތްވަރެއް ހުރެގެން، އަޅުގަނޑުގެ އަންހެނުންނަށް ހާއްސަ ޝުކުރެއް ދަންނަވަން މި ފުރުސަތުގައި، މި ވިޔަފާރި މިހާހިސާބަށް އައީ އަންހެނުންގެ ވެސް ހިތްވަރުން" އާދަމް އަރީފް ބުނިއެވެ.

މީގެއިތުރުން އާދަމް އަރީފް ބުނީ، މި އެހީ ވާން ނިންމީ ރަށުގެ ޒުވާނުންތަކެއް އެކުވެގެން މިފަދަ ކަމެއް ކުރާތީ މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ކޮންމެ މީހަކު ހެޔޮހިތުން ކޮންމެ އެހީއެއް ދިނަސް އެ އެހީއެއް ގަބޫލުކުރަން ވާނީ ހެޔޮގޮތުގައި، އެ އެހީއެއް ރަނގަޅުގޮތުގައި ބޭނުންކޮށްފިއްޔާ، ބޭނުންކުރަމުންދާ ކަމުގައި ވަންޏާ އިތުރު ކުރިއެރުން ލިބިގެންދާނެ" އެކަޑަމީގެ ހަރަކާތްތަކަށް ކުރިޔަށްއޮތް ތަނުގައި ވެސް އެހީތެރިކަން ދޭނެކަން ފާހަގަކޮށް އާދަމް އަރީފް ބުނިއެވެ.

ޒޯރާ ހާޑްވެއާގެ ފަރާތުން ދިން މި ދީލަތި އެހީ ފާހަގަކޮށް މާންސް ޖަމްއިއްޔާގެ ރައީސް އިސްމާއީލް ނަސީމް ވަނީ ޖަމްއިއްޔާގެ މެމްބަރުންގެ ނަމުގައި އާދަމް އަރީފް އަށް ޝުކުރުއަދާކުރައްވާފައެވެ.

މަތިވެރިއަށް ނިސްބަތްވާ ޒުވާނުންތަކެއް އިސްނަގައިގެން ދާދިފަހުން އުފެއްދި މާންސް ޖަމްއިއްޔާއިން ކުޅިވަރު އެކަޑަމީއެއް ހުޅުވާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އަދި ކުރިޔަށްއޮތް ތަނުގައި އެކަޑަމީގެ ހަރަކާތްތައް ފުޅާކޮށް ވޮލީބޯޅައިގެ އެކަޑަމީއެއް އުފެއްދުމަކީވެސް އެ ޖަމްއިއްޔާގެ އުއްމީދެކެވެ.