ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ވާދަވެރި ކުޅުމަކަށްފަހު ކްލަބް ވެމްކޯ އިން ގުޑީސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މި ފޯރިގަދަ މެޗު ގުޑީސްއާ ވާދަކޮށް ވެމްކޯއިން ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 12-25 އިން ވެމްކޯ ގެންދިޔަ ނަމަވެސް، ޖެހިގެން އައި ސެޓް 18-25 އިން ގުޑީސް އިން ވަނީ ގެންގޮސްފައެވެ. މެޗުގެ ތިން ވަނަ ސެޓް ވެމްކޯ އިން ގެންގޮސްފައިވާއިރު، ހަތަރުވަނަ ސެޓް ގެންގޮސްފައި ވަނީ ގުޑީސް އިންނެވެ.

މެޗުގައި ދެޓީމަށްވެސް ދެ ސެޓް ލިބުމާއެކު ނަތީޖާ ނެރުމަށް ފަސް ވަނަ ސެޓެއް ވަނީ ކުޅެފައެވެ. މި ސެޓް 9-15 އިން ގެންގޮސް ވެމްކޯ އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެމްކޯގެ އިސްމާއިލް ސާޖިދުއެވެ.