ލީޑްސް ޔުނައިޓެޑްގެ ވިންގާ ރަފީނިއާ ގަތުމަށް ފައިސާ ހޯދުމަށްޓަކައި ބާސެލޯނާގެ ފޯވާޑް މެމްޕިސް ޑިޕޭ ވިއްކާލަން މަސައްކަތް ކުރާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ޑިޕޭ އަށް ފަހަކަށް އައިސް ބާސެލޯނާގެ ފުރަތަމަ އެގާރަ އިން ޖާގަ ނުލިބޭން ފެށީ އަނިޔާގެ ސަބަބުންނާއި އެ ޓީމަށް އަލަށް ގެނައި ކުޅުންތެރިންގެ ސަބަބުންނެވެ.

ކުޅިވަރު ނޫހެއް ކަމަށްވާ "މާސާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ޕްލޭންގައި ޑިޕޭ ނުހިމެނޭތީ، އެ ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތު ވަނީ ދީފައެވެ.

ޑިޕޭ ވިއްކާލަން ބާސެލޯނާ އިން ބޭނުން ވަނީ 21.5 މިލިއަން ޕައުންޑަށެވެ. އަދި އުމުރުން 28 އަހަރުގެ ފޯވާޑް ވިއްކާލާފައި ބާސެލޯނާ އިން ބޭނުން ވަނީ ލީޑްސްގެ ހުނަރުވެރި ތަރި ރަފީނިއާ ގެނައުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީ އިން ރަފީނީއާ އަށް ހުށަހެޅި 60 މިލިއަން ޕައުންޑްގެ ބިޑް ލީޑްސް އިން ގަބޫލުކޮށްފައި ވަނިކޮށް، ބާސެލޯނާ އިން ވެސް ވަނީ ފަހު ވަގުތު ބިޑެއް ހުށަހަޅައިފައެވެ.

މިދިޔަ ހޫނު މޫސުމުގައި ލިޔޯންގައި ހުރުމަށް ފަހު، ބާސާ އަށް ބަދަލުވެ، ޑިޕޭ ވަނީ އެ ކްލަބަށް ކުޅެ ދިން 28 މެޗުގައި 12 ލަނޑު ޖަހައިފައެވެ.