އަންނަ އާދިއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސްގެ ފޯވާޑް މެމްޕިސް ޑިޕޭ ފުރަތަމަ 11 ގައި ނުހިމެނޭ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނަން ފަށައިފއެވެ.

ނެދަލެންޑްސް އިން ވޯލްޑް ކަޕަށް ނެގި ސްކޮޑްގައި ޑިޕޭ ހިމެނުނު ނަމަވެސް އޭނާ އަށް ޓީމުގެ ފުރަތަމަ 11 އިން ޖާގަ ލިބިދާނެތޯ އޮތީ ސުވާލު އުފެދިފައެވެ. ނެދަލެންޑްސްގެ ކޯޗު ވެން ހާލް މީގެކުރިން ވަނީ ޑިޕޭ ފުރަތަމަ 11 އިން ނުފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ.

ޑިޕޭގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ނޭޝަންސް ލީގުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ނުކުޅެވިދާނެ ކަމުގެ ބިރު އޭނާއަށް އޮތީ ހީވެފައެވެ. އަނިޔާއިން ސަލާމަތްވީވެސް ލަފާ ކުރި ވަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ނެދަލެންޑްސް ޓީމުގެ ފުރަތަމަ 11 އިން ޖާގަ ޑިޕޭ އަށް ނުލިބޭނެއެވެ. ސަބަބަކީ އޭނާ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމުން ކަމަށާއި ވޯލްޑް ކަޕަށް ފިޓު ވާން ޖެހޭވަރަށް ފިޓު ނުވާތީ ކަމަށް ވެސް އެރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. އަދި ޑިޕޭ ބަދަލުގައި އުމުރުން 19 އަހަރުގެ ޒަވީ ސިމޯންސް ވަނީ ފުރަތަމަ 11ގައި ހިމަނާފައި ކަމަށް އެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މި ފަހުން ޒަވީ ސިމޯންސް ހުރި ފޯމަށް ބަލައި، ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ނިންމީނެދަލެންޑްސްގެ ފުރަތަމަ 11 ގައި ހިމަނަން ކަމަށް ބޭރުގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މުބާރާތުގައި ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހޭނީ ސެނެގާލްއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. ނެދަލެންޑްސް އާއި ސެނެގާލްގެ އިތުރުން ގްރޫޕް އޭ ގައި ދެން ހިމެނެނީ ގަތަރާއި އެކުއެޑޯއެވެ.

ނެދަލެންޑްސް ޓީމުން ވަނީ 1974 އަދި 1978ގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުން ބަލިވެފައެވެ. އެގޮތުން 2010 ވަނަ އަހަރު ނެދަލެންޑްސް ބަލިވީ ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައެވެ. މި މުބާރާތުގައި ގިނަ ބައެއްގެ ފޭވަރިޓް ގޮތުގައި ނެދަލެންޑްސް ވަނީ ފާހަގަ ކޮށްފައެވެ. ނެދަލެންޑްސް ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.