މެންޗެސްޓާ ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރަމުން އަންނަ ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ވިއްކާ ނުލާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ޑި ޔޯން ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދިޔައީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހޭގް އެންމެ ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ވެސް ޑި ޔޯން ހިމެނޭ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑްގެ ކޯޗު މީގެކުރިން ވަނީ ޑި ޔޯން އާ އެކުގައި އަޔެކްސްގައި މަސައްކަތްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހަފްތާގައި ޑި ޔޯން ވިއްކާލުމާ ގުޅޭ ގޮތުން ކޮންމެވެސް ވަރަކަށް ބާސާ އާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދުގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައި ކަމަށްވެއެވެ. އެކަމަކު، އެ ރިޕޯޓުތައް ދޮގު ކަން ހާމަވީ، ބާސެލޯނާގެ ރައީސް މީޑިއާގައި މި ފަހުން ދެއްވި ޖަވާބާ ގުޅިގެންނެވެ.

ލަޕޯޓާ ވިދާޅުވީ ޑި ޔޯންގެ ސޮއި ހޯދުމަށް ވަރަށް ގިނަ ކްލަބުތަކުން މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު، ޑި ޔޯން ވިއްކާލުމުގެ ވިސްނުން ބާސާ އިން ނުގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުލަބުތަކުން އޭނާ ބޭނުންވެގެން އުޅޭ، ހަމައެކަނި ޔުނައިޓެޑެއް ނޫން (ބޭނުން ވަނީ). އަހަރުމެންގެ ވިސްނުމެއްގައި ނެތް އޭނާ (ޑި ޔޯން) ވިއްކާލާކަށް، އޭނާ ބޭނުން ވަނީ މަޑު ކުރަން،" ބާސެލޯނާ އާ 2019 ވަނަ އަހަރު ގުޅުނު މިޑްފީލްޑަރާ ބެހޭ ގޮތުން ލަޕޯޓާ ވިދާޅުވިއެވެ.

ލަޕޯޓާ ވިދާޅުވި ގޮތުގައި ޑި ޔޯންއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި ބާސާގައި އޭނާ ހުރުމަކީ ލިބޭ އުފަލެއް ކަމަށް ލަޕޯޓާ ވިދާޅުވިއެވެ.

ނެދަލެންޑްސްގެ ޗެމްޕިއަން، އަޔަކްސް ދޫކޮށް ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ 85 މިލިއަން ޑޮލަރަށެވެ.