ލިވަޕޫލް ދެކެ ވަރަށް ލޯބިވާ ކަމަށާއި، ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ބުނެފިއެވެ.

ޓީއެންޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ފިރްމީނޯ ބުނީ، ކްލަބާއި ސިޓީ އާއި ފޭނުން ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި، އެގޮތުން ޓީމު ދޫކޮށް ދިޔުމަށް ނުވިސްނާ ކަމަށެވެ.

މި ޓްރާންސްފާގައި ފިރްމީނޯ އެ ކްލަބް ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނަމުން ދިޔައިރު، ބައެއް ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ވަނީ އޭނާގެ ސޮއި ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކޮށްފައެވެ.

އުމުރުން 30 އަހަރުގެ ފިރްމީނޯ ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ކުރިޔަށް އޮތް ސީޒަން ނިމޭއިރު ހަމަވާއިރު، އޭނާގެ އެއްބަސްވުން އެ ކްލަބުން އާ ނުކުރާނެ ކަމަށް ބެލެވެއެވެ. އަދި އޭނާގެ އެއްބަސްވުން ހަމަވުމުން ފްރީ ޓްރާންސްފާއެއްގެ ދަށުން އެހެން ކްލަބަކަށް ބަދަލުވެދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހޮފެންހަމް އިން 2015 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލްއަށް ބަދަލުވި ފިރްމީނޯ ވަނީ މިހާތަނަށް އެ ކްލަބުގައި ހޭދަކުރި 8 ސީޒަނުގައި 328 މެޗު ކުޅެ، 98 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ހޯދާފައެވެ.

ބްރެޒިލްއާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައިވާ ފިރްމީނޯ ވަނީ ގައުމީ ޓީމަށް ކުޅުނު 55 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ.