ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ދުވުންތެރިޔާ އައިޝަތު ހިމްނާ ހުސެއިން އަދި ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ވިލްދާން ކަމަށް ނިންމައިފިއެވެ.

ތުރުކީގެ ކޮންޔާގައި ކުރިޔަށްދާ މި ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ރާއްޖެ ގަޑިން މިރޭ 11:00 ޖަހާއިރު ހަމަޖެހިފައިވާއިރު، ހިމްނާ އަދި ވިލްދާންއަށް ވަނީ މިއަދު ދިދަ ހަވާލުކޮށްފައެވެ.

ސޮލިޑާރިޓީ ގޭމްސްގައި ހިމްނާ އެތުލެޓިކްސް ބައިން ވާދަކުރާއިރު، ވިލްދާން ވާދަކުރަނީ ތްރީ އޮން ތްރީ ބާސްކެޓް ބައިންނެވެ.

މިރޭ އޮންނަ ހުޅުވުމުގެ ރަސްމިއްޔާތު ކޮންޔާގެ މެޓްރޯޕޮލިޓަން މުނިސިޕަލްޓީ ސްޓޭޑިއަމްގައި އޮންނައިރު، ހުޅުމުގެ ރަސްމިއްޔާތުގައި އޮންނަ ޕެރޭޑުގައި ރާއްޖޭގެ 51 އެތުލީޓުން އަދި އޮފިޝަލުން ބައިވެރިވާނެއެވެ.

މިހާރު ގޭމްސްތަކުގައި ފިރިހެން އަދި އަންހެން އެތުލީޓަކު ދިދަ އުފުލާގޮތަށް ދުނިޔޭގެ އޮލިމްޕިކް މައި ޖަމިއްޔާއިން ވަނީ ނިންމާފައެވެ. މިގޮތުން އެ ޖަމިއްޔާއިން 2020 ވަނަ އަހަރު ނިންމި ފަހުން، ކޮންމެ އަހަރަކުވެސް އޮންނަ ގޭމްސްތަކުގައި މިގޮތަށް އަންނަނީ އަމަލު ކުރަމުންނެވެ.