އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ޖިބޫޓީ ބަލިކޮށްފިއެވެ.

ތުރުކީގެ ކޮންޔާގައި ކުރިޔަށްދާ މި ގޭމްސްގެ ޓީމް އިވެންޓުން ރާއްޖެއިން ޖިބޫޓީގެ މައްޗަށް ކުރިހޯދީ ސީދާ ތިން ގޭމުންނެވެ.

މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ޖުމާނާ ނިމާލް ސިންގަލްސް ބައިން ކުޅެން އަރާ ޖިބޫޓީގެ ކުޅުންތެރިޔާ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ޖުމާނާ ގެންދިޔައީ 02-11، 09-11 އަދި 10-12 އިންނެވެ.

މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ސިންގަލްސް ބައިން ކުޅެން އަރާ ޖިބޫޓީގެ ކުޅުންތެރިޔާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މެޗުގެ ސެޓްތައް ދީމާ ގެންދިޔައީ 03-11، 07-11 އަދި 03-11 އިންނެވެ.

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޖުމާނާ ވާދަކުރަނީ -- ފޮޓޯ: އެމްއޯސީ

މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ ދީމާ އަދި އައިޝަތު ރަފާ ނާޒިމް ވަނީ ޑަބަލްސްގައި ކުޅެން އަރާ ޖިބޫޓީގެ ކުޅުންތެރިޔާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މެޗުގެ ސެޓްތައް ރަފާ އަދި ދީމާ ގެންދިޔައީ 10-12، 06-11 އަދި 06-11 އިންނެވެ.

ޓީމް އިވެންޓްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ހިމެނެނީ ޖިބޫޓީ، ޔުގާންޑާ އަދި ތުރުކީއާއެކު އެއް ގްރޫޕެއްގައެވެ.