އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.

މިހާރު ތުރުކީގެ ކޮންޔާގައި ކުރިޔަށްދާ މި ގޭމްސްގައި ފިރިހެން ޓީޓީ ޓީމު ބަލިވީ ބަންގްލަދޭޝް އަތުން ތިން ގޭމު ދެ ގޭމުންނެވެ.

މި މެޗުގައި ކުޅުނު ފުރަތަމަ ގޭމުގައި ސިންގަލްސް ބައިން ރާއްޖޭގެ މުހައްމަދު ޒީސްތު ނަސީމު ބަންގްލަދޭޝްގެ ރިޑޯއި އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ރިޑޯއި ގެންދިޔައީ 08-11، 07-11 އަދި 09-11 އިންނެވެ.

ދެވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ކުޅެން އަރައި ބަންގްލަދޭޝްގެ ރަހީމް އަތުން ބަލިވީ ތިން ސެޓް އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް 05-11، 07-11 އިން ރަހީމް ގެންދިޔައިރު، ޖެހިގެން އައި ސެޓް 08-11 އިން މުންސިފް ވަނީ ގެން ގޮސްފައެވެ. ނަމަވެސް ރަހީމް ވަނީ 02-11 އިން ހަތަރު ވަނަ ސެޓް ގެންގޮސް ގޭމު ކާމިޔާބުކޮށްފައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީމު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އެމްއޯސީ

ތިންވަނަ ގޭމުގައި ޑަބަލްސް އިން ރާއްޖޭގެ މުންސިފް އަދި މުހައްމަދު ޝައްފާން އިސްމާއީލް ކުޅެން އަރައި އަދި ރަހީމްގެ މައްޗަށް ތިން ސެޓް އެއް ސެޓުން ވަނީ ކުރިހޯދާފައެވެ.

މި މެޗުގެ ފުރަތަމަ ސެޓް މުންސިފް އަދި ޝައްފާން 09-11 އިން ގެންދިޔައިރު، ޖެހިގެން އައި ސެޓް 07-11 އިން ސާބިރު އަދި ރަހީމް ވަނީ ގެން ގޮސްފައެވެ. ނަމަވެސް މުންސިފް އަދި ޝައްފާން ވަނީ އަނެއް ދެ ސެޓް 02-11 އަދި 06-11 އިން ގެންގޮސް ގޭމު ކާމިޔާބުކޮށްފައެވެ.

ހަތަރު ވަނަ ގޭމުގައި ކުޅުނު ސިންގަލްސްގައި ރާއްޖޭގެ ޝައްފާން ކުޅެން އަރައި ބަންގްލަދޭޝްގެ ރިދޯއިގެ މައްޗަށް ސީދާ ތިން ސެޓުން ވަނީ ކުރިހޯދާފައެވެ. މި މެޗުގެ ސެޓްތައް ޝައްފާން ގެންދިޔައީ 09-11، 05-11 އަދި 10-12 އިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަހު ގޭމުގައި ސިންގަލްސް އިން ރާއްޖޭގެ ޒީސްތު ކުޅެން އަރައި ސާބިރު އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސާބިރު ގެންދިޔައީ 06-11، 10-12 އަދި 09-12 އިންނެވެ.

މިއާއެކު ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް ވަނީ ޓީމް އިވެންޓްގެ ބައި ނިމިފައެވެ. ފިރިހެން ޓީޓީ ޓީމު ހިމެނުނީ ބަންގްލަދޭޝްގެ އިތުރުން އިރާންއާއެކުގައެވެ. ރާއްޖޭގެ ޓީމު އިއްޔެ ވަނީ އިރާން އަތުން ސީދާ ތިން ގޭމުން ބަލިވެފައެވެ.