އިންޓަ މިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލް ކުރުމަށް ފަހު ޗިލީގެ ތަޖުރިބާކާރު ފޯވަޑް އެލެކްސިސް ސަންޗޭޒް ފްރާންސްގެ މާސޭ އަށް ސޮއިކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ސަންޗޭޒްއާ ބެހޭ ގޮތުން މާސޭ އިން ބުނީ ސަންޗޭޒްއާ އެކުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އޭނާ ވަނީ މެޑިކަލް ފުރިހަމަ ކުރުމަށް ފްރާންސަށް ގޮސްފައެވެ.

ސަންޗޭޒް އިންޓާ ގުޅިގެން 2019 ވަނަ އަހަރުއެވެ. މެންޗެސްޓާ ޔުނައިޓެޑްގައި ހުރެފައި އިންޓާ އަށް ބަދަލުވެ، އެ ކުލަބަށް ކުޅެދިން 109 މެޗުގައި 20 ލަނޑު ވަނީ ޖަހައިފައެވެ. އިންޓައާއެކު އޭނާ ތިން އަހަރު ހޭދަކުރިއިރު، މިދިޔަ ސީޒަންގައި އިޓާލިއަން ލީގުގެ ތަށި ވަނީ އުފުލާލައިފައެވެ.

ސަންޗޭޒް ވަނީ ކުރިން ބާސެލޯނާ އަށާއި އާސެނަލް އަށް ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ މާސޭ އަށް ބަދަލުވި އިރު، އާސެނަލްގެ ގިނަ ކުޅުންތެރިންތަކެއް މިހާރު ވެސް ތިބީ މާސޭގައެވެ.

އޭގެތެރޭގައި މެޓިއޯ ގުންޑޯޒީ، ސީޑް ކޮލަސިނެޗް، އަދި ނޫނޯ ޓަވާރޭސް ހިމެނެއެވެ.

މާސޭ އާއި ސަންޗޭޒްއާ ދެމެދު ހަދާފައި ވަނީ ދެ އަހަރުގެ އެއްބަސްވުމެއް ކަމަށްވެއެވެ.

ސަންޗޭޒް އާސެނަލް އަށް ކުޅުނު 166 މެޗުގައި 80 ގޯލް ޖަހާފައިވެއެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، އޭނާ ވަނީ އެ ކުލަބަށް 45 މެޗު ކުޅެދީ ފަސް ގޯލް ޖަހައިފައެވެ.