ވޮލްވްސް އިން ސްޕެއިންގެ ސްޓްރައިކަރު ޑިއެގޯ ކޯސްޓާގެ ސޮއި ހޯދައިފިއެވެ.

އުމުރުން 33 އަހަރުގެ ކޯސްޓާ ވޮލްވްސްއަށް ސޮއި ކޮށްފައި ވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ ބްރެޒިލްގެ އެޓްލެޓިކޯ މިނޭރޯ އަށެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު މިނޭރޯއާ ގުޅުނު ކޯސްޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މީގެ ކުރިން ޗެލްސީ އަދި އެޓްލެޓިކޯ މެޑްރިޑަށް ކުޅެފައިވާ ކޯސްޓާ ހޯދުމަށް ޓްރާންސްފާ ބާޒާރުގައި ގިނަ ކްލަބްތަކުން މަސައްކަތް ކޮށްފައިވާއިރު، އޭނާ ވަނީ ވޮލްވްސްއަށް ބަދަލުވާން ފަހުވަގުތު ނިންމާފައެވެ.

ޗެލްސީއަށް ކުޅުނު 120 މެޗުގައި 59 ލަނޑު ކާމިޔާބު ކޮށްފައިވާ ކޯސްޓާ ވަނީ އެޓްލެޓިކޯއަށް ކުޅުނު 216 މެޗުގައި 83 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ މި ދެޓީމާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެޓްލެޓިކޯ މެޑްރިޑްއާއެކު ދެ ލަލީގާ، އެއް ކޮޕަޑެލްރޭ، އެއް ޔުއެފާ ޔޫރޮޕާ ލީގު، ތިން ޔުއެފާ ސުޕަ ކަޕް ހޯދާފައިވާ ކޯސްޓާ ވަނީ ޗެލްސީއާއެކު ދެ ޕްރިމިއާ ލީގުގެ އިތުރުން އެއް ލީގު ކަޕް ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ކޯސްޓާ ވަނީ ސްޕެއިން ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 24 މެޗުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ.