ނ. މަނަދޫ ކައުންސިލް އިންޓާ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލްގައި ނ.އަތޮޅު ހޮސްޕިޓަލްގެ ޓީމާ ދެކޮޅަށް ރޭ ކުޅުނު "ވަރުގަދަ" މެޗު، 2-5 ގެ ނަތީޖާއަކުން، އެމްއޭޕީއެފްސީ އިން ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގައި އެމްއޭޕީއެފްސީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ރޭ ފައިނަލް މެޗުގައި ބައްދަލު ކުރީ، ނ.އަތޮޅު ހޮސްޕިޓަލްގެ ޓީމާއެވެ. މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ، ވަރަށް ކައިރި ކައިރީގައި ދެ ލަނޑު ޖަހާ، ނަތީޖާގެ ފަރަގު ބޮޑުކޮށް، މުބާރާތުގެ ޔަގީންކަން އެމްއޭޕީއެފްސީ އިން ހޯދިއެވެ.

ނ.އަތޮޅު ހޮސްޕިޓަލްގެ ޓީމުން ޖެހި ދެ ލަނޑުގެ ތެރެއިން، އެއް ލަނޑަކީ ލިބުނު ޕެނެލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. ނ.އަތަޅު ހޮސްޕިޓަލުން ޖެހި ދެ ލަނޑުވެސް ޖެހީ މެޗުގެ ފަހު ހާފުގައެވެ.

ނ.މަނަދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި، އެމްއޭޕީއެފްސީގެ ދެ ކުޅުންތެރިން ހިމެނުނެވެ. އެއީ އިބްރާޙިމް މޫނިސް (ޑައްޑު) އާއި، މާނިއުއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޮސްޕިޓަލް ޓީމުގެ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ، ޑރ.ސައީދުއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް، އެމްއޭޕީއެފްސީގެ ކޯޗު އިސްމާޢީލް ޢުމަރު ހޮވުނު އިރު، ފެއާރޕްލޭ ޓީމަކަށް ހޮވުނީ، ނ.އަތޮޅު ކައުންސިލްގެ ޓީމެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް، ޝީލްޑް އާއި މެޑަލްގެ އިތުރުން، 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ މެޗްވެސް ރޭ ކުޅެފައިވާއިރު، އަންހެން ޑިވިޝަނުން ޗެމްޕިއަންކަން ހޯދީ މަނަދޫ ކައުންސިލްގެ ޓީމެވެ.

މިދިޔަ އަހަރުން ފެށިގެން، މަނަދޫ ކައުންސިލުން ކުރިއަށް ގެންދާ، އިންޓަރ އޮފީސް ފުޓްސަލް މުބާރާތަކީ، ވަރަށް ފުރިހަމަ އިންތިޒާމު ތަކަކާއި އެކު ކުރިއަށް ގެންދާ މުބާރާތެއްކަން ފާހަގަ ކުރެވެއެވެ. މި އަހަރުގެ މުބާރާތް އިންތިޒާމު ކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ، ޗެސްޓަރ ސްޕޯޓްސް އާއި އެވެ.

ކިޔުންތެރިންގެ ހިޔާލު