އަންނަ އަހަރު ބާއްވާ ގޮތަށް ހަމަޖައްސާފައި ސޮތް ސައުތު އޭޝިއަން ގޭމްސް ފަސްކުރަން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފިއެވެ.

މީގެ ކުރިން ނިންމާފައި އޮތް ގޮތުން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ގޭމްސް ފެށޭނެއެވެ. ނަމަވެސް އެސްއޯއިން މިހާރު ނިންމާފައިވަނީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ގޭމްސް ފަސްކުރުމަށެވެ. އެހެން ނަމަވެސް އަދި ގޭމްސް ބާއްވާނެ ސީދާ ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

އެ ކޮމެޓީން އެގޮތަށް ނިންމީ އޭޝިއަން ގޭމްސް ނިންމާގޮތަށް ސައުތު އޭޝިއަން ގޭމްސް ފަށާނަމަ ހަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މުބާރާތަށް އަސަރުކުރާނެތީއެވެ.

މި ގޮތަށް ގޭމްސް ފަސްކުރުމަށް ބޭނުންވީ ވެސް ޕާކިސްތާނުންނެވެ. ސަބަބަކީ މި އަހަރު ޗައިނާގައި ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ގޭމްސް އަންނަ އަހަރަށް ފަސްވުމުންނެވެ.

ޕާކިސްތާނުގެ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އާ ތާރީހެއް ކަނޑައަޅާނީ ހުރިހާ ކަމެއް ޔަގީންކުރުމަށް ފަހު ކަމަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު މި ގޭމްސް ނޭޕާލުގައި ބާއްވާފައިވާއިރު ރާއްޖެ ވެސް ވަނީ ވާދަކޮށްފައެވެ. އެ އަހަރު ރާއްޖޭން ވަނީ ރަން މެޑައްޔަކާއި، ދެ ލޯ މެޑަލް ހޯދާފައެވެ. އެ އަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލް ކޮށްގެންނެވެ. އެންމެ ފުރަަތަމަ ބާއްވަން މަސައްކަތް ކުރީ 2019 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެކަމަކު، ނޭޕާލްގެ އިންތިޒާމްތައް ހަމަނުޖެހޭތީ ސެޕްޓެމްބަރަށް ފަސްކުރުމަށް ފަހު، އެންމެ ފަހުން ގޭމްސް ބޭއްވޭގޮތްވީ ޑިސެމްބަރުގަ އެވެ.