28 ރަށެއްގައި ގާއިމު ކުރެވިފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު މިއަދު ހަވާލުކޮށްފިއެވެ.

ކުރިއަށް އޮތީ ގައުމީ ބިލިއާޑް މުބާރާތް ކަމަށްވާއިރު، މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝްނުގައި އޮތް ރަސްމިއްޔާތެއްގައި ރަށްތަކަށް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޚްލޫފްއެވެ. އަދި ރަށްތަކުގެ ފަރާތުން ބިލިއާޑް ބޯޑާ ހަވާލުވީ އެ ދާއިރާއެއްގެ މަޖިލިސް މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ރަށްރަށުގައި މުނިފޫހި ފިލުވުމާއި، ކުޅިވަރު ކުޅުމަށްޓަކައި ފަހިކޮށްދެމުންދާ ފުރުސަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކުގައި މިފަދަ ކުޅިވަރު ކުޅެވެން ނުހުންނަ ކަމަށާއި މިނިސްޓްރީން ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް އަތޮޅު ތެރޭގައި ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މުޅިން އަލަށް މިފަހަރު ބިލިއާޑު ބޯޑު ހަވާލުކުރި ރަށްތަކަކީ، ހއ.ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫ، ށ.ކޮމަންޑޫ (ދެ ބޯޑު)، ފޯކައިދޫ، މާއުނގޫދޫ، ނ.ކެނދިކުޅުދޫ، ރ.އުނގޫފާރު، ކ.މާފުށި، ހިންމަފުށި، އދ.ފެންފުށި، ދިއްދޫ، މ.މުލައް، ދިއްގަރު، ފ.މަގޫދޫ، ތ.ތިމަރަފުށި، މަޑިފުށި، ގަން، މާބައިދޫ، ގއ.ވިލިނގިލި، ކޮލަމާފުށި، ދާންދޫ، ގދ.ހޯނޑެއްދޫ، ތިނަދޫ، މަޑަވެލި އަދި ސ.ހިތަދޫއެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީން އަންނަނީ ރަށްރަށަށް ބޭނުންވާ ކުޑަކުދިންގެ ޕާކު ސާމާނާއި، އައުޑް ޑޯ ޖިމްގެ ސާމާނު ވެސް ފޯރުކޮށްދެމުންނެވެ.

އެމްޕީބީއޭ އިން އިންތިޒާމުކޮށްގެން ގައުމީ ބިލިއާޑް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނުގެ އިތުރުން، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓް ހިމެނޭހެން ހަ އިވެންޓެއް މި މުބާރާތުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވެއެވެ.

މި އަހަރުގެ މުބާރަތަކީ ގައުމީ ދެވަނަ ބިލިއާޑް މުބާރާތަށް ވާއިރު އެމްޕީބީއޭ އިން އަންނަނީ ވަރަށް ކުރީއްސުރެ މުބާރާތް ބާއްވަން ތައްޔާރު ވަމުންނެވެ. މި މުބާރާތް އޮންނާނީ މާލޭގައި ހުންނަ ނޭޝަނަލް ބިލިއާޑް ސެންޓަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެންބެ ބ

    ގަޑި ޖެހެނީ އެހެންވެގެން

  2. ކެނެރީ

    ކޮމަންޑޫ އަށް ދެ ބޯޑު ކީއްވެ ؟

  3. އިހުސާސް

    ކުޅި ވަރުގަ އެއްވެސް ކަމެއް ނުކޮަށްދޭ ރަށް ރަށް އެބަހުރި އެހެން ވީމަ ހަމަހަމަ ކަމަށް ތިގެންގުޅުއްވާ ގޮތްތަކާމެދު ވިސްނަވާތި، އިންތިޙާބު ވަރަށް ކައިރިވެއްޖެ، ދޭނެ ވޯޓެއްނެތް، އިންސާފުވެރިކަން ޒީރޯ