ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކުޅުން ހުއްޓާލާނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މުގުރާލުމަށް ފަހުގައި ކަމަށް އިނގިރޭސި މަޝްހޫރު ބްރޮޑްކާސްޓަރު ގެރީ ނެވިލް ބުނެފިއެވެ.

ރޮނާލްޑޯއާއެކު އެއް ޓީމަކަށް މީގެ ކުރިން ކުޅުނު ނެވިލް ބުނެފައިވަނީ ރޮނަލްޑޯ އަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށާއި އޭނާގެ ކާމިޔާބަށް ހަމައެކަނި މަދުވާ ކަމަކީ ޕެލޭގެ ރެކޯޑް މުގުރާލުން ކަމަށެވެ.

"އަހަރެން އެއްވެސް ޝައްކެތް ނުކުރަން އޭނާ އަދިވެސް ކުޅެން ބޭނުން ވާކަމަށް، އަހަންނަށް ޔަގީން ރޮނާލްޑޯ ޕެލޭގެ ރެކޯޑް މުގުރާލާނެކަން. އޭނާ އެކަން ކުރުމަށް ޕްލޭން ވެސް ވަނީ ހަދާފައި. އޭނާ އަބަދުވެސް ބޭނުންވާނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން. އޭނާ ކާމިޔާބު ހޯދުމަށް އަންނަނީ މިންނެތް މަސައްކަތް ކުރަމުން. އޭނާ ރިޓަޔާ ވާނީ ޕެލޭގެ ރެކޯޑް މުގުރާލުމަށްފަހު،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ނެވީލް ބުންޏެވެ.

އުމުރުން 37 އަހަރުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮނާލްޑޯ ވަނީ އޭނާ ކުޅުނު 1133 މެޗުން އޭނާ ވަނީ 817 ގޯލު ޖަހާފައެވެ. 1363 މެޗު ކުޅެގެން 1279 ގޯލު ޖަހާ ދުނިޔޭގެ ރެކޯޑް ހާސިލްކޮށްފައިވަނީ ޕެލޭއެވެ. އެހެންކަމުން ޕެލޭގެ ރެކޯޑް ރޮނަލްޑޯ މުގުރާލަން އަދި ޖުމުލަ 462 ގޯލު ޖަހަން ޖެހެއެވެ.

ރޮނަލްޑޯ ވަނީ ދާދި ފަހުން އެވަޓަން ކޮޅަށް ގޯލު ޖަހާ ކުލަބު ކެރިއަރުގައި 700 ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. ރޮނަލްޑޯ ކުޅުނު ތިން ލީގުގެ ކޮންމެ ލީގެއްގައި 50 ގޯލް ހަމަކޮށްފައިވާއިރު އޭނާ ވަނީ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް ކުޅުނު 292 މެޗްގައި 311 ގޯލް ޖަހައިފަ އެވެ. މީގެ ކުރިން އޭނާ ޔުނައިޓެޑަށް ކުޅުނުއިރު 298 މެޗުން ރޮނަލްޑޯ ވަނީ 118 ގޯލު ޖަހާފައެވެ. އޭގެ ފަހުން މި ސީޒަނުގައި ރޮނަލްޑޯ ވަނީ 48 މެޗު ކުޅުނު އިރު 26 ގޯލު ޖަހާފައެވެ. އޭނާއަކީ އެންމެ ގިނަ ބައިނަލްއަގްވާމީ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ މޮޅު ފޯވާޑެކެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަމުގެ މަގާމް ފަސް ފަހަރަށް ހޯދި ރޮނަލްޑޯ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ވާދަވެރި މެޗުތަކުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ދެވަނައިގައި އޮތީ 530 މެޗު ކުޅެގެން 805 ގޯލު ޖަހައިގެން ޖޯސެފް ބައިކަން އެވެ. ތިން ވަނައިގައި މެސީ އޮތީ 989 މެޗު ކުޅެގެން 781 ގޯލު ޖަހައިގެން ތިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނައިގައެވެ.