ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނުގެ މެޗު އެ ޓީމުން ކާމިޔާބުކޮށް، މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ހޯދިއިރު، ޖެހިޖެހިގެން ދެ ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ބާސެލޯނާ ޔޫރޮޕާ ލީގުގައި ކުޅެން ޖެހިއްޖެއެވެ.

ގުރޫޕް ސީގެ އެއްވަނަ ޔަގީން ކޮށްފައިވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާ އެކު ބަޔާން މިއުނިކްއެވެ. އެ ގުރޫޕުން ދެވަނަ ހޯދީ ވިކްޓޮރިއާ ޕްލެޒެން އަތުން މޮޅުވެގެން 10 ޕޮއިންޓް ހަމަކުރި އިންޓަ މިލާންއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިންޓަރ މިލާން ވާދަކުރަން ޖެހޭނީ އެއްވަނާގައި އޮތް ބަޔާން މިއުނިކާއެވެ. އެމެޗުގެ ނަތީޖާއަކުން ދެޓީމްގެ ވަނައަކަށް ބަދަލެއް ނާންނާނެއެވެ.

ޔޫރޮޕާ ލީގަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި އެންމެ މޮޅު ތިންވަނަ ޓީމުތަކާއި ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވާ ޓީމުތަކުގެ މެދުގައި ކުޅެވޭ މުބާރާތެކެވެ.

ބާސެލޯނާ އިން ރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިން ބަޔާންއެވެ. މިދިޔަ އަހަރުގެ ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާންއާއި ބާސާ ބައްދަލުކުރި މެޗުން 0-3 ގެ ނަތީޖާއިން ބަޔާން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެ މެޗުން ބަލިވުމާއެކު ބާސާ ވަނީ މިދިޔަ އަހަރުގެ ވެސް ޗެމްޕިއަންސް ލީގުން ކަޓައި ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ.

އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗު އިންޓަ އިން ކާމިޔާބު ކުރީ 4-0 އިން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްގެންނެވެ. މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ހެންރިކް މިކިތާރްޔަން ބޮލުން ޖެހި ގޯލުންނެވެ. މިއީ އަލެސަންދްރޯ ބަސްޓޯނީ ނެގި ހުރަހަކުން މިކިތާރްޔަން ހުސްކޮށްހުރެފައި ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަގެ ދެ ވަނަ ގޯލު ޖެހީ އެޑިން ޖެކޯ އެވެ. ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން ޖެކޯ އިންޓަގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. އިންޓަގެ ފަހު ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖެހީ ލުކަކޫއެވެ. ލުކަކޫ ކުޅެން ނުކުތީ އަނިޔާއަށްފަހު އެނބުރި އައިސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިއީ ބާސެލޯނާގެ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖެހިޖެހިގެން ދެ އަހަރު ކެޓި ފުރަތަމަ ފަހަރެވެ.