އިގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން ޗެލްސީއާއި ލިވަޕޫލް އެފްސީ ބަލިވިއިރު، ލެސްޓާ ސިޓީ އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ތާވަލުގެ އެއް ވަނައަށް ޖެހިލައިފިއެވެ.

ޗެލްސީ މައްޗަށް ބްރައިޓަން އިން ކުރި ހޯދީ 1-4 ގެ ނަތީޖާއިންނެވެ. ލިވަޕޫލް ބަލިވީ 2-1 ގެ ނަތީޖާއިން ލީޑްސް ޔުނައިޓެޑް އަތުންނެވެ. މި މޮޅާއެކު ލީޑްސް އިން ތާވަލުގެ 15 ވަނައަށް ޖެހިލިއިރު، ލިވަޕޫލް އޮތީ ކުޅުނު 12 މެޗުން 16 ޕޮއިންޓު ހޯދައިގެން ތާވަލުގެ 9 ވަނައިގައެވެ. މެންޗެސްޓާ ސިޓީ އިން ލެސްޓާ ސިޓީ ބަލިކުރީ 0-1 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ސިޓީ އިން ވަނީ 29 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލީޑްސް އިން މެޗުގެ ހަތަރު ވަނަ މިނެޓުގައެވެ. މިއީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަދި ޑިފެންޑަރު ޖޯސެފް ގޮމޭޒް ހެދި ގޯހެއްގެ ފައިދާ ނަގާ، ލީޑްސްގެ ރޮޑްރިގޯ ފަސޭހަކަމާއެކު ޖެހި ގޯލެކެވެ. ލިވަޕޫލުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ އަންޑްރޫ ރޮބާޓްސަން ދިން ޕާހަކުން މުހައްމަދު ސަލާހު މޮޅު ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ލީޑްސްއަށް އެންމެ މުހިއްމު ލަނޑު ކާމިޔާބު ކޮށްދިނީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ކްރިސެންޗޯ ސަމާވިލް އެވެ. މިއީ ވިލްފްރިޑް ނޮންތޯ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ޕެޓްރިކް ބަމްފޯޑް ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. އިތުރު ވަގުތުގެ އަށް މިނެޓުގައި ލިވަޕޫލުން ގިނަ އެޓޭކް ކުރި ނަމަވެސް ލިޑްސް ގެ ޑިފެންޑަރުން ވަނީ ރަނގަޅަށް ޑިފެންސްކޮށް އެ ހަމަލާތައް ހުއްޓުވާފައެވެ.

މެންޗެސްޓާ ސިޓީ އަދި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗުގައި ސިޓީއަށް ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 49 މިނެޓުގައި ބެލްޖިއަމްގެ ކެވިން ޑިބްރޭނާއެވެ. ދެވަނަ ހާފުގައި ލެސްޓާއަށް ގޯލު ޖެހުމަށް ރަނުގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެޓީމުން އުފެއްދި ހަމަލާތައް ވަނީ ނާކާމިޔާބު ވެފައެވެ. ރޭގެ މެޗުގައި އެޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް އަރުވާފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ނިއުކާސަލުން ވަނީ 0-4ގެ ނަތީޖާއިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލެސް އަދި ސައުތެމްޓަން ބައްދަލުކުރި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ކްރިސްޓަލް ޕެލެސް މޮޅުވެގެންނެވެ. ބޯންމައުތު އަދި ޓޮޓެންހަމް ބައްދަލު ކުރި މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިން ޓޮޓެންހަމް އިންނެވެ. ފުލްހަމް އަދި އެވަޓަން ބައްދަލު ކުރި މެޗު އެއްވަރުވިއިރު، ބްރެންޓްފޯޑާއި ވުލްސް ކުޅުނު މެޗު ވެސް ވަނީ އެއްވަރުވެފައެވެ.