ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި އެންމެފަހުގެ ޗެމްޕިއަން އެމްޕީއެލް ކޮޅަށް ދިހަ ލަނޑު ޖަހާ، ދިވެހި ސިފައިންގެ ކުލަބުން މުބާރާތުގެ ތަށި ތިން ވަނަ ފަހަރަށް އުފުލާލައިފިއެވެ.

މިދިޔަ ތިން އަހަރު އެމްޕީއެލްގެ އަންހެން ޓީމުން، 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އެ ޓީމަކީ އެ ކާމިޔާބީ ހާސިލްކުރި ފުރަތަމަ ޓީމެވެ. އެ ރެކޯޑް އިތުރަށް ފުރިހަމަކޮށް "ތާރީހުގެ އިތުރު ސޮފުހާއެއް" ލިޔުމަށް އެމްޕީއެލް އިން މިރޭ ނިކުތްނަމަވެސް ސިފައިންގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ. ސިފައިންގެ ޓީމުން ވަނީ 2013 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިރޭ ހުޅުމާލޭ ރެެހެންދީ ޓާފް 1 ގައި ކުޅުނު ފައިނަލް މެޗު ސިފައިންގެ ޓީމުން ކާމިޔާބު ކުރީ 2-10 ގެ ނަތީޖާއިން އެމްޕީއެލް ބަލިކޮށްގެންނެވެ. މި މެޗުގައި ސިފައިންގެ ޓީމުގެ ފާތިމަތު ތީބާ އަދި ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ހަތުން ވަނީ ހެޓްރިކް ހަދާފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ސިފައިންގެ ޓީމުން ފެށީ އެޓީމުގެ އެންމެ ކޮންބިނޭޝަން ރަނގަޅު ބޭރު ދެ ކު ކުޅުންތެރިން ކަމަށްވާ ސަބީނާ އަދި މަތުސުޝިމާ ސުމައްޔާއާ އެކުއެވެ. ފުރަތަމަ ހާފު ފަށައިގެން އެޓޭކް ކުރަން ފެށި ސިފައިންގެ ޓީމުން ވަނީ އެމްޕީއެލްގެ ޑިފެންސް ފޫ އަޅުވާލައި ތިން ގޯލުގެ ލީޑެއް ނަގާފައެވެ.

ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ސިފައިންގެ ޓީމުގެ ފުރަތަމަ ގޯލު ޖެހިއެވެ. މިއީ އެމްޕީއެލްގެ ޝާމިލާ ހެދި ގޯހެއްގެ ފައިދާ ނަގާ ތީބާ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލި ހަމަލާއެކެވެ. ސިފައިން ޓީމަށް ދެ ވަނަ ގޯލު ޖެހައިދިނީ ވެސް މި މެޗުގައި ސިފައިންގެ ޓީމަށް މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ފޯވާޑް ތީބާއެވެ. ތިން ވަނަ ގޯލު ޖެހީ ސިފައިންގެ ޓީމުގެ ކެޕްޓަން އައިމިނަތު ޒާހިޔާއެވެ. މިއީ އެމްޕީއެލްގެ ކުޅުންތެރިއެއް ކައިރިން ނެއްޓުމަށްފަހު ފޮނުވާލި ހަމަލާއަކަށްވާއިރު، ބޯޅަ ގޯލުގެ ތެރެއަށް ވަނީ އެމްޕީއެލްގެ ކީޕަރުގެ އަތުގަ ޖެހިފައެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި އޮތް އިރުވެސް ސިފައިންގެ ޓީމު އޮތީ ތިން ގޯލުގެ ލީޑަކާއެކުއެވެ. އެމްޕީއެލުން ކުޅުން ރަނގަޅުކޮށް ޓީމު ކުރިއަށް ޖައްސައިގެން ކުޅެން ފެށިއެވެ. މި ހާފުގައި އެމްޕީއެލަށް ފަސް ފައުލު ހަމަވެ ހަ ވަނަ ފައުލާއެކު ދުރު ޕެނަލްޓީ އެއް ލިބުނެވެ. އެމްޕީއެލް ޓީމުގައި ހުރި ތައިލެންޑްގެ ގައުމީ ކީޕަރު މިސް ސަސިޕްރަފާ ސުކެން ފޮނުވާލި ޕެނަލްޓީއާއެކު އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއެވެ. ދެވަނަ ހާފު ނިމުމުގެ ކުރިން ހަތް ވަނަ ފައުލާއެކު އެމްޕީއެލަށް ލިބުނު ދުރު ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.

މި ހާފު ނިމުމުގެ ކުރިން މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ފާތިމަތު ޝާލިޔާ އަށް ގޯލު ޖެހުމަށް ރަނުގެ ފުރުސަތު ތަކެއް ލިބުނު ނަމަވެސް ސުފައިންގެ ޓީމުގެ ކީޕަރު ޝާއިގާ ހުސެން ވަނީ ދިފާއު ކޮށްފައެވެ. އޭނާ ވަނީ އެމްޕީއެލްގެ ދެ ވަނަ ދުރު ޕެނަލްޓީ ވެސް ދިފާއު ކޮށްފައެވެ.

ދެވަނަ ހާފުގައި އެމްޕީއެލްގެ ޓީމު ކޮޅަށް ސިފައިންގެ ޓީމުން ވަނީ ހަތް ގޯލު ޖަހާފައެވެ. ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި ސަބީނާ ފޮނުވާލި ހަމަލާ ޖެހުނީ އެމްޕީއެލްގެ ޝާމިލާގެ އަތުގައި އޭރިއާ ތެރޭގައި ހުއްޓައެވެ. ސިފައިންގެ ޓީމަށް ލިބުނު ޕެނަލްޓީ ސަބީނާ ފަސޭހަކަމާއެކު ގޯލަށް ފޮނުވާލިއެވެ. މިރޭގެ މެޗުގެ ކުރިން މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުގައި އޮތީ ޖުމުލަ 20 ގޯލާއެކު އެމްޕީއެލްގެ މިސް ނަތަމޮން އެވެ. އެހެންނަމަވެސް މިރޭ މެޗުގައި ހަތަރު ގޯލު ޖަހާ އޭނާ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައެވެ.

ސަބީނާގެ ދެވަނަ ގޯލު ޖެހީ ސުމައްޔާ ދިން ޕާހަކުން ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައެވެ. ސަބީނާގެ ހެޓްރިކް ހެދީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ރީތި ގޯލަކާއެކުއެވެ. ސިފައިންގެ ޓީމުގެ ހަތް ވަނަ ލަނޑު ކާމިޔާބުކޮށް ތީބާ ވަނީ އެމްޕީއެލްގެ ކީޕަރު ކައިރިން ނެއްޓުމަށްފަހު ގޯލަށް ފޮނުވާލައިގެން އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެމްޕީއެލް ޓީމުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެނިކޮށް، އޭގެ ފައިދާ ނަގާ ސިފައިންގެ ޓީމުގެ އަށް ވަނަ ލަނޑު ޖެހީ މި މެޗުގައި ބަދަލަކަށް އެރި ރިފާއެވެ. އޭގެ މިނެޓެއް ފަހުން ސަބީނާ ވަނީ ސިފައިންގެ ޓީމުގެ ނުވަ ވަނަ ލަނޑު ޖަހާފައެވެ. މިއީ މުބާރާތުގައި އޭނާ ޖެހި 21 ވަނަ ގޯލެވެ.

ދެވަނަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެމްޕީއެލުން އެޓީމުގެ ދެ ވަނަ ލަނޑު ޖެހީ އެޓީމުގެ ކީޕަރެވެ. މިއީ އެމްޕީއެލް އިން ހެދި އެޓޭކުގައި ކީޕަރު ބައިވެރިވެ ނަތަމުން ދިން ޕާހަކުން ޖެހި ގޯލެކެވެ. ސިފައިންގެ ޓީމުގެ ދިހަ ވަނަ ލަނޑު ޖެހީ ސަބީނާ ދިން ޕާހަކުން ބަންގްލަދޭޝްގެ ބަސަންދުރާ ކިންގްސް ޓީމަށް ކުޅެމުން އަންނަ ސުމައްޔާއެވެ.

ފައިނަލުގައި މި މެޗު ސިފައިންގެ ޓީމުން ކާމިޔާބު ކުރިއިރު، ލީގު ބުރުގައި ކުޅުނު މެޗުން 5-1 އިން އެމްޕީއެލް ވަނީ މޮޅުވެފައެވެ. ސިފައިންގެ ޓީމުގެ ކޯޗު އަހުމަދު ތޯހާގެ އިރުޝާދުގެ ދަށުން ތަށި ކާމިޔާބު ކުރި އިރު، ސިފައިންގެ ޓީމުން މި މުބާރާތުގައި ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ޓީމުގެ ސަބީނާއެވެ.