ރާއްޖޭގައި އުފެދުނު އެންމެ މޮޅު، ގޯލާއި ރަހުމަތްތެރި ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިވަގުތު އައްޑޫގައި ހުރިއިރު، މިއަދު ހަވީރުގެ ވަގުތެއްގައި މައިލޯ ސިޓީއާއި މަރަދޫ އެފްސީއާއި ކުޅޭ މެޗުގައި ފެނިގެންދާނެ ކަމަށް މައިލޯސިޓީން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބާއްވާ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި މައިލޯ ސިޓީ ނުވަތަ މެދުވަލު އެފްސީއަށް ކުޅުމަށް އަޝްފާގު އައްޑޫއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަޝްފާގު އައްޑޫއަށް ދިއުމާއި އެކީ އެއާޕޯޓުން އެޓީމުގެ ކުޅުންތެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މައިލޯސިޓީން ބުނީ، އަޝްފާގު އައްޑޫއަށް އައިސްފައިވާކަން އެސިޓީގެ ބައެއް ރައްޔިތުންނަށް އަދި އެނގިފައި ނުވާ ކަމަށާއި އަޝްފާގުގެ ފުރަތަމަ ފެނިލުން ގިނަ ރައްޔިތުންނަށް ފެނިގެން ދާނީ މިއަދު ހަވީރު އޮންނަ މެޗުން ކަމަށެވެ.

މި މެޗަށް އަޝްފާގަށާއި ޓީމަށް ސަޕޯޓް ކުރާ ގިނަ ރައްޔިތުން ދިއުމަކީ މައިލޯ ސިޓީން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

މައިލޯސިޓީގެ ކޯޗު އަހުމަދު އަޒްމީ ވިދާޅުވީ، ދަގަނޑޭ ކަހަލަ ގޯލާއި ރައްޓެހި، ތަޖުރިބާކާރު ކުޅުންތެރިއަކު ޓީމުގައި ހިމެނުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި ދަގަނޑޭއާއި އެކީ ޓީމަށް މުބާރާތުގެ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މުބާރާތުގައި މައިލޯއިން ފުރަތަމަ މެޗު އެފްސީ އަފިރިންނާއި މިމަހުގެ ދެވަނަ ދުވަހު ކުޅެފައިވާއިރު، އެ މެޗު މައިލޯއިން ވަނީ 10-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. މިއީ މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހާފައިވާ ޓީމުކަން ފާހަގަ ކޮށްލެވެއެވެ.