ކޮރެއާގައި އޮންނަ ކޭޕީސީ ޔޫތު ޕަރާ ސްޕޯޓްސް ކޭމްޕް 2022 ގައި ބައިވެރިވުމަށް ރާއްޖޭގެ ޙައްވާ އީޝަލް ރިޔާޒު އާއި އައިޝަތު ނަޒާހާ ޒަބީހް މާދަމާގެ ވަގުތެއްގައި ފުރުމަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި ބައިވެރިވުމަށް މިއީ ރާއްޖެ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖެ އިން ބައިވެރިވާ ދެ އެތުލީޓުންނަށް މިދިޔަ އާދިއްތަ ދުވަހު ވަނީ ޖާޒީ ހަވާލުކޮށްފައެވެ. އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މުޙައްމަދު ނާޞިޙް ރަޝީދުއެވެ.

ތާޖުއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އީޝަލްއަކީ ބެޑްމިންޓަންގެ ކުރިން ހޭންޑްބޯލްވެސް ކުޅުނު ކުއްޖެކެވެ. ދެ އަހަރު ދުވަސްވަންދެން ހޭންޑް ބޯލް ކުޅުމަށްފަހު، ބެޑްމިންޓަންގެ ތެރެއަށް ވަނީ 2019ވަނަ އަހަރު، ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ޝަޓަރ ޓައިމްގައި ބައިވެރިވެގެންނެވެ.

މި ކޭމްޕާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އީޝަލް ބުނީ މިފަދަ ފުރުސަތުތަކެއް ލިބުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށެވެ. އީޝަލް ބުނީ ޕެރަލިމްޕިކް އެސޯސިއޭޝަން އާއި ޔޫތު މިނިސްޓްރީން މިކަހަލަ ފުރުސަތުތަކެއް ހޯދައިދީ، ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މީގެ އިތުރުން އީޝަލް ވަނީ އެހެން ކުދިންނަށް ވެސް މެސެޖެއް ދީފައެވެ. އީޝަލް ބުނީ މިހާރު ރާއްޖޭގައި ވެސް ވަރަށް ބައިވަރު ފުރުސަތުތަކެއް އޮތް ކަމަށާއި، ޚާއްސަކޮށް ޕެރަލިމްޕިކްގެ އެކި އެކި ކުޅިވަރު ކެޓަގަރީތަކުން ފުރުސަތު އޮތް ކަމަށެވެ.

ނަޒާހާ ބުނީ ފުރަތަމަ މިކަމުގެ ތެރެއަށް ވަދެ، ކުރިމަތިލާން އުނދަގޫތަކެއްވި ކަމަށެވެ. ނަޒާހާ ފާހަގަ ކުރި ގޮތުގައި މިކަމުގެ ތެރެއަށް ނުކުތުމަށް އެންމެ ބޮޑު ސަޕޯޓާއި ހިތްވަރެއް ލިބުނީ އީޝަލްގެ ފަރާތުންނެވެ. ނަޒާހާ އިތުރަށް ބުނީ މިހާރު މުޖުތަމުގައި ކުދިންނަށް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނާތީ އުފާ ކުރާ ކަމަށެވެ. ނަޒާހާ ވެސް ވަނީ ކޮންމެ ކުއްޖަކަށް ވެސް ފުރުސަތު އޮތްކަން ފާހަގަކޮށް ކުރިއަރައިގެން ދެވޭނެ ކަމަށް ބުނެފައެވެ.

ރާއްޖެއިން މިހާރު އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ގިނަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ އެއް ފައިމަތީގައި ހުރެ ފުޓްބޯޅަ ކުޅެނިކޮށް މީހުންގެ ސަމާލުކަން ދަމައިގެން ކުއްޖާ، އަހުމަދު ޝަވަން މުހައްމަދުއަށް ޕްރޮސްތެޓިކް ފައެއް ޖަހެމަށް އެހީވުމަށް ނިންމާފައެވެ.

ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ ކުޅިވަރު ކުޅެން ބޭނުންވާ ފައެއް ވީހާވެސް އަވަހަކަށް ޝަވަން އަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ހޯދައި ދެވިއްޖެ ކަމަށެވެ.