ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މި މަހު 20ގައި ފީފާ ވޯލްޑް ކަޕް 2022އަށް ހާއްސަކޮށްގެން ހުޅުމާލޭ ރައްޔިތުންނަށް ހިންގާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "މައި ހުޅުމާލެ ބޯޅަފޯރި" އިފްތިތާހްކޮށްފިއެވެ.

މި ހަރަކާތަކީ ހުޅުމާލޭގެ ރައްޔިތުންނަށް ވޯލްޑް ކަޕްގެ އުފަލާ މަޖާ ހާސިލްކުރުމަށް އެޗްޑީސީން އިސްނަގައިގެން ބާއްވާ އިވެންޓެކެވެ.

އެޗްޑީސީގެ އެކްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ބޯޅަފޯރި" އިވެންޓުގައި ހިމެނޭ ޕާޓްރަނުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އެންމެން އެއްވެ ތިބް ފޯރީގައި މެޗު ބެލުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގައި ލެޑް ސްކްރީން އިން މެޗު ބަލާލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އެގޮތުން މިހާރު ސައުންޑް ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީއިން ފާހަގަކުރިއެވެ.

އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގައި އުޅޭ ރައްޔިތުންނަށް މެޗު ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކްރިކެޓް ސްޓޭޑިއަމްގައި މެޗު ބެލޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ "ބޯޅަފޯރި" އިވެންޓުގެ ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް، ސްޓެލްކޯ، ވެލިގާ ހާޑްވެއާ، ޕްރިންޓް ވޯކްސް، ބެވަރޭޖް ޕާޓްނާ ކޮކާކޯލާ، އަދި މިހާރު ނޫސް އެވެ.

އެޗްޑީސީން ބުނީ މިއީ ހުޅުމާލެއަށް އަންނަ ބޮޑު އީދެއް ކަމަށާއި، މި އިވެންޓުގައި ކުޑަކުދިންގެ ހަވީރުގެ އިތުރުން ކާބޯތަކެތީގެ މައުރަޒެއް، ސްކޯ ދިމާކުރުން ފަދަ ކުޅިވަރުތައް ވެސް އަންނާނެ ކަމަށެވެ. އަދި ވިޒިޓް އެންޑް ވިންގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދާނެކަމަށް ވެސް އެޗްޑީސީން ފާހަގަކުރިއެވެ.

މި އިވެންޓު ބާއްވާނެ ސަރަހައްދު ހޯދައިދިން މިނިސްޓްރީ އޮފް ޔޫތާއި އެޗްޑީސީން ވަނީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްފާޞިލް ހުސައިން އިސަމާއިލްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފްއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސަމާއިލް ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ ވޯލްޑް ކަޕް ފޯރި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މި އިވެންޓުގައި ބައިވެރިވާނެތީ ރައްޔިތުންނަށް ފަސޭހަގޮތް ހޯދައިދިނުމަށް ނިންމާފައިވާތީ ކަމަށް ހުސައިން އިސްމާއިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމާ

    ރާއްޖޭގައި ކުރިކެޓް ސްޓޭޑިއަމް އެއް އޮންނަކަމެއް ނޭގޭ….ހުޅުމާލޭގަ ބޭރުމީހުން ގޮސް ކުރިކެޓް ކުޅެން އެތިބޭތަން އެއީ ހުސްކޮށް އޮންނަ ތަނެއްވީމަ އެމީހުން ގޮސް ކުޅެން ތިބެނީ..ވެއްޔާ އަކިރިއާއި ގަލާ، އެތާގަ ހުރީ…އެޗް.ޑީ.ސީ އަށް ބިމެއް ލިބިފަ މިއޮތީ..ޔާންބެ މިމީހުންނާއި މިތަން ހަވާލުކުރީމަ ވެރިވެގެން އަމިއްލަ ބިމެއް ކަމަށް ހަދައިގެން އުޅެނީ..ސައިޒަށް ކަޑާ ދުވަސް ވަރަށް ކައިރިވެއްޖެ..އިންޝާﷲ…..

    2
    1