މި އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގަތަރަށް ވަނީ ލިބިފައެވެ. އެ ޓީމުގެ ތާރީޚުގައި އަދި އެއްވެސް ފަހަރަކު ވޯލްޑު ކަޕަކަށް ކޮލިފައިވެފައެއް ނުވެއެވެ. ނަމަވެސް އެ ޓީމުން ވަނީ 10 އޭޝިއަން ކަޕެއްގައި ކުޅެ 2019 ވަނަ އަހަރު އެ މުބާރާތް ކާމިޔާބު ކުރިއެވެ. މީގެ އިތުރުން އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން އަރަބިއަން ގަލްފު ކަޕް ކާމިޔާބުކޮށްފައެވެ.

ބައްރު: އޭޝިއާ

ފީފާ ރޭންކިން: 50
މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅެފައި ނުވޭ

ކޯޗު: ފެލިކްސް ސަންޗޭސް ބާސް

ސްޕެއިން އަށް އުފަން ކޯޗު ފެލިކްސް ސަންޗޭސް ބާސް އަކީ ކުލަބު ލެވެލްގައިވެސް އަދި ގައުމީ ލެވެލްގައިވެސް ކުޅުނު ކަމުގެ ރެކޯޑް އޮތް މީހެއް ނޫނެވެ. އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ކޮށްފައެވެ. އޭނާ ގަތަރުގެ ގައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރެވެ. އޭގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ގަތަރުގެ ޒުވާން އެކި އުމުރުފުރައިގެ ގައުމީ ޓީމުތަކަށް ކޯޗުކަން ކޮށްދީފައެވެ.

މުހިއްމު ކުޅުންތެރިން

ޙަސަން އަލްޙައިދޯސް

ގަތަރު ގައުމީ ޓީމުގެ ކެޕްޓަނަކީ، އެ ގައުމުގެ އަލް ސަދަށް ކުޅެމުން އަންނަ ފޯވާޑު ހަސަން ހާލިދު ހަސަން އަލް ހައިދޯސްއެވެ. އަލްސަދުގެ ޔޫތު އެކެޑަމީން 1998 ވަނަ އަހަރު ފުޓުބޯޅަ ކުޅެން ފެށި ހާލިދު އެ ޓީމުގެ ރަސްމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 261 މެޗު ކުޅެދީ 84 މެޗު ކާމިޔާބުކޮށްދީފައެވެ. އަދި 31 އަހަރުގެ ހާލިދު ވަނީ ގަތަރު ގައުމީ ޓީމަށް 163 މެޗު ކުޅެދީ 33 ގޯލު ވެސް ޖަހައިދީފައެވެ.

އަލްމޮއެޒް އަލީ
ގަތަރުގެ ގައުމީ ޓީމުން މިހާރު އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިއަކީ އުމުރުން 25 އަހަރުގެ އަލްމޮއެޒް އަލީއެވެ. ގަތަރުގެ އަލް ދުހައިލަށް ކުޅޭ، ގޯލާ ރައްޓެހި އެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 74 މެޗު ކުޅެދީ 39 ގޯލު ޖަހައިދީފައެވެ. ޓީމަށް އެންމެ މުހިންމު ދަނޑިވަޅުގައި ތަފާތު ދައްކާ ކުޅުންތެރިންގެ ތެރޭގައި އަލްމޮއެޒް އަބަދުވެސް ހިމެނޭނެއެވެ. އޭނާއަކީ ޔޫރަޕުގެ ފުޓުބޯޅައިގެ ތަޖުރިބާ ވެސް ހުރި ކުޅުންތެރިއެކެވެ.