މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނަ ގޮތަށް އޯލްޑް ޓްރެފޯޑުގައި ހަރުކޮށްފައިވާ ޕޯސްޓަރުތައް ނައްޓާލައިފިއެވެ.

މި ޕޯސްޓަރުތައް ނައްޓާލާފައިވަނީ ދާދި ފަހުން ރޮނާލްޑޯ ޕިއަސް މޯގަން އަށް ދިން އިންޓަވިޔުއެއްގައި ޔުނައިޓެޑުގެ އިސްވެރިންނާއި، ކޯޗު އެރިކް ޓެން ހާގާއި، ޔުނައިޓެޑަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައިވާ ދަނޑިވަޅެއްގައެވެ.

ޔުނައިޓެޑުގެ ދަނޑު ބޭރުގައި ހުރި ޕޯސްޓަރުގައި ފެންނަނީ ރޮނާލްޑޯގެ އިތުރުން އެ ކުލަބުގެ ހަތް ނަންބަރު ޖާޒީގައި ކުޅެފައިވާ ބައެެއް އެހެން ކުޅުންތެރިންނެވެ. އެ ޕޯސްޓަރަކީ އެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ހަރުކޮށްފައިވާ ޕޯސްޓަރެކެވެ. ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ޕޯސްޓަރުތައް ނައްޓާލުމުގެ މަސައްކަތްކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ޔުނައިޓެޑުގެ ހޯމް ގްރައުންޑުގައި މަސައްކަތްކުރާ ބަޔަކު ވަނީ ރޮނާލްޑޯ އާއި އެ ކުލަބުގެ ކުރީގެ ލެޖެންޑް ޑޭވިޑް ބެކަމް ވެސް ހިމެނޭ ބޮޑު ޕޯސްޓަރު ނަގާފައެވެ. އަދި މި ޕޯސްޓަރު ނަގަމުން ދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ވަނީ އާންމު ވެފައެވެ.

ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތަކުން ބުނާގޮތުގައި ރޮނާލްޑޯގެ މި ޕޯސްޓަރު ނެގީ ޔުނައިޓެޑާއި ޔުނައިޓެޑުގެ އިސްވެރިންގެ އިތުރުން ކުލަބުގެ ކުޅުންތެރިންގެ އަގު ވެއްޓޭ ގޮތައް ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ދިން އިންޓަވިއުއާ ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އަދި ރޮނާލްޑޯއާ މެދު އިތުރު ފިޔަވަޅުތަކެއް ވެސް އެޅުމަށް ޔުނައިޓެޑުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

ނަމަވެސް ބޭރުގެ އެހެން ރިޕޯޓެއްގައި ބުނެފައިވަނީ އެ ޕޯސްޓަރުތައް ނައްޓާލީ އެ ތަނުގައި ރަގްބީ ލީގު ވޯލްޑް ކަޕްގެ ޕޯސްޓަރުތައް ހަރުކުރުމަށް ކަމަށެވެ. ރަގްބީ ލީގު ވޯލްޑް ކަޕްގެ އަންހެން އަދި ފިރިހެން ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑުގެ ދަނޑުގައެވެ. މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެއީ އެ މުބާރާތް އޮންނަ ކޮންމެ ފަހަރަކު ވެސް ކަންތައް ކުރަމުން އަންނަ ގޮތެވެ.

ކުލަބަށް ފާޑު ކިޔުމުގެ ގޮތުން ރޮނާލްޑޯ ބުނީ އޭނާއާ ދެކޮޅަށް ޔުނައިޓެޑްގައި މަސައްކަތްކުރި މީހުން މިދިޔަ ސީޒަނުގައި ވެސް ތިބި ކަމަށާއި، 2013 ވަނަ އަހަރު އެލެކްސް ފާގަަސަން ދިޔަ ފަހުން ކްލަބްގައި ގިނަ ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށެވެ.

ރޮނާލްޑޯ ބުނެފައި ވަނީ ޔުނައިޓެޑުގައި ގިނަ ގޯސް ކަންތައްތަކެއް ހުރި ކަމަށާއި، އެކަން ތަފާތު ކުރަން ބޭނުންނަމަ، އެތައް ކަމެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި ފާގަސަން އަށް ފަހު ޔުނައިޓެޑަށް ކާމިޔާބު ނުލިބޭ ސަބަބުތައް ގިނަ ކަމަށް ރޮނަލްޑޯ ބުނެފައިވާއިރު، އެކަންކަން ރަނގަޅުކުރަން މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ބުނެފައި ވެެއެވެ. އަދި އޭނާއާ މެދު ޔުނައިޓެޑުން ކަންތައްތައް ކުރާ ގޮތުގެ ހަގީގަތް އެންމެ ރަނގަޅަށް ޔުނައިޓެޑާ ގުޅުން ހުރި އެންމެންނަށް އެނގެން ޖެހޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު