މާދަމާ ފަށާ ވޯލްޑް ކަޕުގެ ކުރިން ބެލްޖިއަމް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެގައުމުގެ ރަސްގެފާނު ފިލިޕް މަޖާ އިސްތިހާރެއް ކުޅުއްވާ ގައުމުގެ ރައްޔިތުން ހެއްވާލައިފިއެވެ.

މި އިޝްތިހާރުގައި އެންމެ ފުރަތަމަ ފެންނަނީ ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނެޒް ބެލްޖިއަމްގެ ގަނޑުވަރަށް ވަދެގެންދާ މަންޒަރެވެ. އެ ގަނޑުވަރު ތެރޭގައި ބެލްޖިއަމްގެ ފުޓުބޯޅައިގައި ލިބިފައި ހުރި ކާމިޔާބީތަކުގެ ޕޯސްޓަރުތަކުގެ އިތުރުން ބެލްޖިއަމް ޓީމުގެ ފޯމޭޝަނާއި، ފިލިޕްގެ ޖާޒީއެއްގެ އިތުރުން، ގައުމީ ޓީމުގެ ފޮޓޯތައް ހުއްޓެވެ.

ރޯޔަލް ބެލްޖިއަން ފުޓުބޯޅަ އެސޯސިއޭޝަނުން ޕޯސްޓުކޮށްފައިވާ، ބެލްޖިއަމްގެ ރަސްގެފާނު ފުޓުބޯޅައިގެ ފޯރީގައި ކުޅުއްވި މި އިޝްތިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

ހަމައެހެންމެ މި އިޝްތިހާރުގައި މާޓިނެޒް ބެލްޖިއަމްގެ ފޯމޭޝަން ބަލަން ހުއްޓާ ފިލިޕް ވަނީ އެތަނަށް ވަޑައިގެންފައެވެ. އަދި އެއަށްފަހު މާޓިނެޒްއާ އެކު ގައުމީ ޓީމުގެ ޕްރެކްޓިހަށް ވަޑައިގެން، ކުޅުންތެރިންނަށް ވަނީ ހިތްވަރު ދެއްވައިފައެވެ. އެގޮތުން އެގައުމުގެ އެންމެ އިތުބާރު ހިފޭ ކުޅުންތެރިޔާ ކެވިން ޑިބްރޭނާއަށް ކޯޗެއްގެ ގޮތުގައި ފިލިޕް އިރުޝާދު ދެމުންދާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

މީގެ އިތުރުން މި އިސްތިހާރުގައި ފިލިޕް ވަނީ އަތުގައި ޖައްސަވާފައިވާ ވޯލްޑްކަޕަށް ހާއްސަ ފޭކް ޓެޓޫއެއްވެސް ދައްކައިފައެވެ. މީގެ އިތުރުން ޓީމާއެކު ފޮޓޯ ނަންގަވާ، ކުޅުންތެރިންނާއެކު މަޖާ ކުރައްވާފައިވެއެވެ.

ފިލިޕްގެ މި އިސްތިހާރަށް ގިނަބަޔަކު ތައުރީފް ކޮށްފައިވާ އިރު، މީގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ބެލްޖިއަމް ޓީމުން ގަބޫލު ކުރެއެވެ.

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ބެލްޖިއަމަށް މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލު އޮއްވައި ކާމިޔާބެއް ހޯދަން ލިބޭ އިތުރު ފުރުސަތެކެވެ. ބެލްޖިއަމްގެ ސްކޮޑަށް ބަލާއިރު ދަށްކޮށް ކިޔޭނެ ހަަމަ އެންމެ ކުޅުންތެރިއަކު ވެސް ނެތެވެ. އެ ޓީމުގެ ފޯވާޑް ލައިން ބަލަހައްޓާނީ އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި ރޮމެލޫ ލުކާކޫއެވެ. ދެން ބެލްޖިއަމް ޓީމުން ނަން ފަވާލެވޭ ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އާއި ރެއާލް މެޑްރިޑްގެ އެޑެން ހަޒާޑްއެވެ.

މިހާތަނަށް ވޯލްޑް ކަޕްގެ 13 މުބާރާތެއްގައި ކުޅެފައިވާ ބެލްޖިއަމްއަށް ވޯލްޑް ކަޕްގައި ހޯދުނު އެންމެ ރަނގަޅު ކާމިޔާބީއަކީ އެއް މުބާރާތުގެ ތިން ވަނަ ލިބުމެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ހިމެނެނީ ކެނަޑާ، ކްރޮއޭޝިއާ އަދި މޮރޮކޯއާ އެކު ގްރޫޕް އެފްގައެވެ. ބެލްޖިއަމް ފުރަތަމަ މެޗުގައި ނުކުންނާނީ މި މަހު 23 ވަނަ ދުވަހު ކެނަޑާއާ ދެކޮޅަށެވެ.