އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ފެންނާނެ އެންމެ ހަގު ކުޅުންތެރިއަކަށް ޖަރުމަނުގެ ޒުވާން ފޯވާޑް ޔޫސޮފާ މޫކޮކޯ ވެއްޖެއެވެ.

ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ މޫކޮކޯ އަށް ވޯލްޑް ކަޕަށް ނެގި ޖަރުމަނުގެ 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ލިބުނު އިރު މިއީ އެޓީމަށް އޭނާ ނެގި ފުރަތަމަ ފަހަރުވެސް މެއެވެ. މި ސީޒަނުގައި ޑޯޓްމަންޑްގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު މޫކޮކޯ އަށް ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކެއްގެ ލޯ ވަނީ އަމާޒުވެފައެވެ.

ވޯލްޑް ކަޕުން ފެންނާނެ އެންމެ ހަނގު ކުޅުންތެރިއަކަށް އުމުރުން 17 އަހަރުގެ މޫކޮކޯ ވެގެން ގޮސްފައިވާއިރު މުބާރާތުގެ ފެންނާނެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއަކީ އުމުރުން 40 އަހަރުގެ މެކްސިކޯގެ ގޯލްކީޕަރު އަލްފްރެޑޯ ޓަލަވޭރާ ޑިއާޒްއެވެ. މޫކޮކޯގެ އުފަން ތާރީހަކީ 20 ނޮވެމްބަރު 2004 އެވެ.

ހަމައެހެންމެ، ވޯލްޑް ކަޕަށް ދާން ފުރުސަތު ލިބުމުން މޫކޮކޯ ބުނީ އެކަން ގަބޫލުކުރަން ވެސް އުނދަގޫވި ކަމަށާއި މިދިޔަ އަހަރު އަނިޔާ އާއި ކުޅެން ލިބުނު ފުރުސަތުތައް މަދުވުމާއެކު މަންޒަރުން އެއްކޮށް ހުރީ ބާކީވެފައި ކަމަށެވެ.

މޫކޮކޯގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕުގައި ގިނަ ޒުވާން ކުޅުންތެރިން މުބާރާތުގައި ކުޅޭއިރު، ސްޕެއިންގެ ޕަބްލޯ ގަވީރާ(ގަވީ) އަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. އޭނާގެ އުމުރަކީ 18 އަހަރެވެ.

އުމުރުން 19 އަހަރުގެ އިންގްލެންޑްގެ ޖޫޑް ބެލިންހަމްއަކީ ވެސް ފާހަގަ ކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. ޑޯޓްމަންޑަށް ކުޅެމުން ބެލިންހަމް ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލައިފައެވެ. އޭގެ ތެރޭގައި ޖަރުމަނު ކަޕްގެ ތާރީހުގައި އެ މުބާރާތުގައި ލަނޑު ޖެހި އުމުރުން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޑޯޓްމަންޑަށް ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހިމެނެއެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އިންގްލެންޑަށް ނިސްބަތްވާ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ބެލިންހަމް ހޯދިއެވެ.