ދުނިޔޭގެ ފުޓުބޯޅައިގެ ދެ ރަސްގެފާނުން ކަމަށްވާ ކްރިސްޓިއާނޯ ރޮނަލްޑޯ އާއި ލިއޮނަލް މެސީ މީސް މީޑިއާގައި އާންމުކުރި ފޮޓޯއެއް ގިނަ ބައެއްގެ ސަމާލުކަން އަތުވެއްޖެއެވެ. މިއީ މި ދެ ކުޅުންތެރިން އެއް އިޝްތިހާރަކުން ފެނުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

މެސީ އާއި ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީހުގައި ފެނުނު އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި މެސީ އާއި ރޮނާލްޑޯ ހިމެނޭތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ދެ ކުޅުންތެރިންނަކީ އެންމެ ބޮޑު ވާދަވެރިންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، މި ދެ ކުޅުންތެރިންގެ އަމިއްލަ ސޯޝަލް ވެބްސައިޓްތަކުގައި މި ފޮޓޯ ވަނީ ޕޯސްޓުކޮށްފައެވެ.

މި ފޮޓޯގައި ފެންނަނީ މެސީއާއި ރޮނާލްޑޯ "ރާޒުވާ" ކުޅެން ކައިރީގައި އިށީނދެ އިންނަ މަންޒަރެވެ. މިއީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ލުއި ވިޓޯން" އަށް މި ދެ ކުޅުންތެރިން ކުޅެފައިވާ އިޝްތިހާރެކެވެ. އަދި މިއީ އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕާއި ގުޅިގެން އެކުންފުނިން ނެރުނު އިޝްތިހާރެކެވެ.

ދުނިޔޭގެ އެންމެ ގިނަ އިންސްޓަގްރާމްގެ ފޮލޮވާސް ހޯދާފައިވާ ރޮނަލްޑޯ ޕޯސްޓްކުރި މި ޕޯސްޓަށް މިހާތަނަށް 23 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ލައިކް ދީފައެވެ. މި ފޮޓޯ ވަނީ ފުޓުބޯޅައާ ބެހޭ ގިނަ މީޑިއާތަކުން ވެސް މީސް މީޑިއާގައި އަޕްލޯޑް ކޮށްފައެވެ.

ހަމައެހެންމެ ދާދި ފަހުން "ޕިއާސް މޯގަސް އަންސެންސާޑް" އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ މެސީއަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.

"މެސީއަކީ މޮޅު ކުޅުންތެރިއެއް، އޭނާއަކީ ޖާދޫ، އެންމެ މަތީގައި ހުރި ކުޅުންތެރިއެއް. އަހަރުމެން ދެމީހުން އެއް ސްޓޭޖަކުން ފެންނަތާ މިހާރު 16 އަހަރުވެއްޖެ. އެހެންކަމުން އަހަރެމެން ދެމީހުންގެ ރަނގަޅު ގުޅުމެއް އެބައޮތް،" ރޮނާލްޑޯ ބުންޏެވެ.

މެސީ އަކީ ސްޕޯޓްސް ބްރޭންޑް ކަމަށްވާ "އެޑިޑަސް"ގެ ބްރޭންޑް އެމްބެސަޑަރަކަށްްވީއިރު، ރޮނާލްޑޯ އަކީ އެޑިޑަސްއާ އެންމެ ވާދަވެރި "ނައިކީ" ގެ އިޝްތިހާރުތައް ކުޅޭ ކުޅުންތެރިއެކެވެ.

މެސީ އާއި ރޮނާލްޑޯ އެކަނިވެސް ވަނީ ޖުމްލަ 12 ބެލޮންޑިއޯ އެވޯޑު ހޯދައިފައެވެ. މެސީ ހަތް ފަހަރު ހޯދި އިރު، ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލޮންޑިއޯ ހޯދައިފައެވެ.

އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަކީ ރޮނާލްޑޯ އާއި މެސީއަށް ވަރަށް މުހިންމު މުބާރާތެކެވެ. އެ މުބާރާތަކީ ވެސް ދެ ކުޅުންތެރިންގެ ވާދަވެރިކަން ފެނިގެންދާނެ މުބާރާތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މެސީ އާއި ރޮނާލްޑޯ ވަނީ ކެރިއަރުގައި ވޯލްޑް ކަޕެއް ހޯދުން ފިޔަވައި ހުރިހާ ކާމިޔާބެއް ހޯދައިފައެވެ.