ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ޓީމް ވޯލްޑްކަޕްގައި ގަދަފަދަ އާޖެންޓީނާ ބަލި ކުރުމުން އެކަމުގެ އުފަލުގައި މާދަމާ އަކީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުގައި މުވައްޒަފުންނަށް ވެސް ބަންދު ދުވަހެއް ކަމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ނިންމަވައިފިއެވެ.

ރަސްގެފާން ސަލްމާން ދެންމެ ނިންމެވި ނިންމެވުމެއްގައި ވަނީ މާދަމާ އަކީ ސަރުކާރު މުވައްޒަފުން ވެސް އަދި އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ބަންދު ދުވަހެއް ކަމަށެވެ.

ރަސްގެފާން ނިންމަވާފައި ވަނީ މާދަމާ އަކީ ސްކޫލް ދަރިވަރުންނާއި ކޮލެޖް، ޔުނިވަސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ބަންދު ދުވަހެއް ކަމަށެވެ.

ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ސިފައިންނާއި ފުލުހުންނާއި ބޭންކްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސަބްކޮންޓެކްޓެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން މާދަމާ ވެސް ވަޒީފާ އަށް ނިކުންނަން ޖެހޭނެއެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ސައުދީ އަރަބިއްޔާ އިން 2-1 އިން އާޖެންޓީނާ ބަލިކުރުމަކީ ތާރީޚްގައި ވެސް ފުުޓްބޯޅަ އިން ސައުދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ޓީމުން މިރޭ ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާ އާއި އަރަބި ވަރަށް ގިނަ ގައުމުތަކުގައި ވެސް އަންނަނީ އުފާފާޅުކުރަމުންނެވެ. މެދުއިރުމަތީގެ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި މިރޭ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ޓީމުން ހޯދި މޮޅަކީ މުޅި މެދުއިރުމައްޗަށް ލިބުނު ކާމިޔާބެކެވެ.

ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާ އިން ލީޑު ނެގީ މެޗުގެ 10 ވަނަ މިނިޓުގަ އެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ.

ފުރަތަމަ ހާފުގައި ސައުދީ އަރަބިއްޔާ އަށް އާޖެންޓީނާގެ ގޯލަށް ހަމަލާއެއް ފޮނުވާ ނުލެވުނު ނަމަވެސް، ދެވަނަ ހާފުގައި، 48 ވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ހަމަލާއިން ސާލިހް އަލް ޝެހްރީ ވަނީ ސައުދީ އަށް އެއްވަރު ކޮށްދީފަ އެވެ. އޭގެ ފަސް މިނިޓު ފަހުން ސާލިމް އަލް ދައުސާރީ ސައުދީ އަށް ލީޑު ހޯދައިދިނީ އާޖެންޓީނާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏނ

    އެހެން ނަމަވެސް އިސްލާމީ މިންގަނޑު ހިފަހައްޓާތި

    5
    1
  2. Anonymous

    ރަނގަޅު.އެކަމަކު ނަމަނަމަ ޢައިރުމުސްލިމުންގެ ހެލޮވީން ތިޔަތަނުގައި ފާހަގަކުރި ގޮތަށް ދެންވެސް އެކަން ނުކުރާތި. މަމެން މިތިބީ އެކަމާހުރި ގަތްލަދާއި ވީ ދެރަޔާއި ލިބުނު ހިތާމައިން މޮޅި ސާލުލައިގެން.