ވޯލްޑް ކަޕް ގައި ސައުދީ އަރަބިއްޔާ އިން އާޖެންޓީނާ ބަލިކުރި މެޗުގައި، އެ ޓީމުގެ ޑިފެންޑަރު ޔާސިރު އަލް ޝަހްރާނީއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިކަމަށް އޭނާގެ މެޑިކަލް ޓެސްޓްތަކުން ބުނެފިއެވެ.

ޔާސިރުގެ އެކްސްރޭ ރިޕޯޓުން ދައްކާ ގޮތުގައި އޭނާގެ ދަތްދޮޅި ފަޅައިގެންގޮސް، މޫނުގެ އެއް ފަޅީގެ ކަށިތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އިންޓާނަލް ބްލީޑިންގެ ސަބަބުން އޭނާގެ ސާޖަރީ ވެސް އަވަސް ކުރަން ޖެހެ އެވެ.

ޔާސިރަށް އަނިޔާވީ މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކަށް ސައުދީގެ ކީޕަރު މުހައްމަދު އަލް އުވައިސް ފުންމައިގެން އެރި ވަގުތުގައި ކީޕަރުގެ ކަކުލުން އޭނާގެ މޫނުމަތީގައި ޖެހުމުންނެވެ. އޭނާއަށް އަނިޔާވުމާއެކު މެޗުގެ އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ޔާސިރު ދަނޑުން ބާލާ އޭނާގެ ބަދަލުގައި މުހައްމަދު އަލް ބުރައިކް ވަނީ ކުޅެން އަރުވާފައެވެ.

އަދި ޔާސިރަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އޭނާގެ ފަރުވާއަށް ޕްރައިވެޓް ޖެޓުގައި ވަގުތުން ޖަރުމަނަށް ފޮނުވަން ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާން ވަނީ އިރުޝާދު ދެއްވައިފަ އެވެ.

ސައުދީން 2-1 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރި އިރު، ސައުދީވެފައި ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އެއް ގޯލަށްވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ އޭޝިއާގެ ޓީމަށެވެ. އަދި އެޓީމުން ވަނީ މެޗުން މޮޅުވެ އާޖެންޓީނާގެ ތާރީހުގެ ބޮޑު ރިކޯޑެއް ކަމަށްވާ 36 މެޗުން ބަލި ނުވެ އޮތް ރިކޯޑް މުގުރާލާފައެވެ.

ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާ އިން ލީޑު ނެގީ މެޗުގެ 10 ވަނަ މިނިޓުގަ އެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ.

ފުރަތަމަ ހާފުގައި ސައުދީ އަރަބިއްޔާ އަށް އާޖެންޓީނާގެ ގޯލަށް ހަމަލާއެއް ފޮނުވާ ނުލެވުނު ނަމަވެސް، ދެވަނަ ހާފުގައި، 48 ވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ހަމަލާއިން ސާލިހް އަލް ޝެހްރީ ވަނީ ސައުދީ އަށް އެއްވަރު ކޮށްދީފަ އެވެ. އޭގެ ފަސް މިނިޓު ފަހުން ސާލިމް އަލް ދައުސާރީ ސައުދީ އަށް ލީޑު ހޯދައިދިނީ އާޖެންޓީނާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާފިޒް

    ވަރަށް ހިތާމަވެރި ޚަބަރެއް ، މާތް ﷲ ޔާސިރު އަށް އަވަސް ޝިފާއެއް ދެއްވައި ކުރިޔަށްހުރި މެޗްތައް ސައޫދި އަށް ފަސޭހަ މެޗްތަކެއްކަމުގައި ލައްވާށި ، މާތް ﷲ އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އެއްކައުވަންތަ އިލާހު .

    12
  2. Anonymous

    އަވަސް ޝިފާއަކަށް އެދެން