2018 ވަނަ އަހަރުގެ ފައިނަލް ކުޅުނު ކޮރޭޝިއާ އަދި މޮރޮކޯ މިއަދު 2022 ވަނަ އަހަރުގެ ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕުގައި ދެ ޓީމުގެ ފުރަތަމަ މެޗަށް ނުކުންނާނެއެވެ.

މިއަދުގެ މެޗު ކުޅޭނީ ޤަތަރުގެ އަލް ބައިތް ސުޓޭޑިއަމްގައި ރާއްޖެ ގަޑިން މެންދުރުފަހު 3:00 ޖަހާއިރުއެވެ.

ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިން ހިމެނޭ ކްރޮއޭޝިއާގެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށް ތަކުރާރުކުރަމުން މޮރޮކޯގެ ކޯޗު ވަލީދް ރެގްރަގީ ބުނެފައިވަނީ ވަކި ކުޅުންތެރިއަކަށް ފޯކަސް ކޮށްގެން ކުޅޭ ފެންވަރަށް ވުރެ ކްރޮއޭޝިއާގެ ކުޅުންތެރިން މާ ހުނަރުވެރިކަމަށެވެ. އަދި އޭނާ އިތުބާރު ކުރަނީ އޭނާގެ ޓީމަށް ކަމަށާއި ހާއްސަކޮށް އިނގިރޭސި ވިލާތުގެ ޗެލްސީއަށް ކުޅެމުންދާ ހަކީމް ޒިޔެޝް ގެ މޮޅު ކުޅުމަށް ކަމަށެވެ. މިރޭގެ މެޗުގައި ޒިޔެޝް ގެ ފަރާތުން އާދަޔާ ހިލާފް ކުޅުމެން ފެންނާނެ ކަމަށް ތަޖުރިބާކާރު ކޯޗު ވަނީ ބުނެފައެވެ.

"އަހަރެމެންގެ ވެސް އެބަ ތިބި ވަރަށް މަސައްކަތުގެ ފެންވަރު ރަނގަޅު ހުނަރުވެރި ކުޅުންތެރިން. ވީމާ އަހަރެމެން އެންމެން އެއްކޮށް މިކުރާ މަސައްކަތާއިމެދު އަހަރެން ހިތްހަމަ ޖެހޭ. ނަމަވެސް ޔަޤީނުންވެސް ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅެން ފަސޭހަ އެއް ނުވާނެ. ނަމަވެސް އަހަރެންނަށް އަހަރެންގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް".

މޮރޮކޯގެ ހުނަރުވެރި ކުޅުންތެރިޔާ ހަކީމް ޒިޔެޝް

"މި މެޗް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާނީ ކޮރޭޝިއާއިން، އެއީ ސަބަބުތަކެއް ވެސް ހުރީމަ. އެމީހުންނަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅުނު ވަރުގަދަ ޓީމު. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ މޮޑްރިޗް ފަދަ ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަ ތިބި އެ ޓީމުގަ. ނަމަވެސް އަހަރެމެންގެ ވެސް އެބަ ތިބި ޒިޔެޝް، މަޒްރާއުއި އަދި ބޯއުފަލް ކަހަލަ ހުނަރުވެރި ކުޅުންތެރިން. ވީމާ އަހަރެމެން ވަކި މޮޑްރިޗަކަށް ހާއްސަ ކަމެއްދީގެން ނުކުޅޭނަން". ކްރޮއޭޝިއާ އަކީ މޮޅު ޓީމެއް ކަމަށާއި މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމުން އެ ޓީމަށް އިޙްތިރާމް ކުރާ ކަން ފާހަގަ ކުރަމުން މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގީ އިތުރަށް ބުނެފައިވެއެވެ.

މި މެޗުގެ މުހިއްމު ކަމާއިމެދު ވާހަކަދައްކަމުން މޮރޮކޯގެ ކޯޗު އިތުރަށް ބުނެފައިވަނީ މުބާރާތުގައި ކުރިއަށް ދިޔުމަށް ގުރޫޕް ސުޓޭޖުގެ ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ. އަދި ހާއްސަކޮށް މި މެޗުގައި މޮރޮކޯއިން ބަލާނީ ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެވޭތޯކަމަށާއި، އަދި ބޯޅަ ގެއްލޭ ވަގުތުތަކުގައިވެސް ފޯކަސް ނުގެއްލި އެއްވަރެއްގައި މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ. މެދުތެރެއިން ކްރޮއޭޝިއާއިން އެދޭ ތުރޫ ޕާސްތައް ހުއްޓުވުމަށް އޭނާގެ މިޑްފީލްޑަރ ކުޅުންތެރިން ވަރަށް މުހިންމު ކަމަށް ވެސް ކޯޗުވަނީ ބުނެފައެވެ.

ސައޫދީ އަރަބިއްޔާއިން މުޅި ދުނިޔެ ސިއްސުވާލާ ވަރުގަދަ އާރޖެންޓީނާ ބަލިކުރި ބަލިކުރުމަކީ މޮރޮކޯއިން ވެސް އެކަމުން ހިތްވަރު ލިބިގަންނަ ކަމެއް ކަމަށް ފާހަގަ ކޮށް މޮރޮކޯގެ ކޯޗްވަނީ ސައޫދީ އަރަބިއްޔާގެ ކޯޗު ހާރވް ރެނާލްޑަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

މިއީ މޮރޮކޯ ވޯލްޑްކަޕުގައި ޖެހިޖެހިގެން ފެންނަ ދެވަނަ ފަހަރެވެ.