ޤަތަރުގައި ކުރިއަށް ދާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އެފް ގެ ފުރަތަމަ މެޗުގައި މިއަދު މޮރޮކޯ ނުކުންނާނީ މިދިޔަ އަހަރު މުބާރާތުގެ ދެވަނަ ހޯދި ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

ގުރޫޕް ސްޓޭޖުން ކުރިއަށް ދިއުމަށް ރަނގަޅު ފެށުމެއްގެ މުހިންމުކަން ދެނެތިބެގެން މި ދެ ޓީމުން ވެސް ކުޅެން އަރާނެ މި މެޗު ފެށޭނީ ރާއްޖެ ގަޑިން މިއަދު މެންދުރު ފަހު 3 ޖަހާއިރު އެވެ. މި މެޗު ކުޅެން ހަމަ ޖެހިފައިވަނީ އަލް ބައިތު ސްޓޭޑިއަމްގައެވެ. މި ދެ ޓީމާއެކު ވަރުގަ ގްރޫޕް އެފް ގައި ދެން އޮތީ ބެލްޖިއަމް އާއި ކެނެޑާއެވެ.

މިއީ މޮރޮކޯ ޖެހިޖެހިގެން މުބާރާތުން ފެންނަ ދެވަނަ ފަހަރެވެ. މިއީ ވޯލްޑުކަޕަށް މޮރޮކޯ ކޮލިފައިވި ހަވަނަ ފަހަރު ނަމަވެސް ފާއިތުވި 22 އަހަރު ތެރޭގައި ކޮލިފައިވި 2 ވަނަ ފަހަރެވެ. ވޯލްޑު ކަޕުގައި މޮރޮކޯއަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުން ގްރޫޕް ސްޓޭޖު ކަޑައްތުކޮށް ގަދަ 16 އަށް ދެވުމެވެ. އެހެން ހުރިހާ ފަހަރަކުވެސް އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުން ވޯލްޑްކަޕްގެ ދަތުރު ނިންމާލަން ޖެހިފައެވެ.

ކަން މިހެން އޮތް ނަމަވެސް އެންމެ ފަހުގެ ރަޝިއާ ވޯލްޑްކަޕްގައި ލަފާކުރެވުނު ވަރަށްވުރެ ރަނގަޅު ކުޅުމެއް މޮރޮކޯއިން ވަނީ ދައްކާފައެވެ. އެގޮތުން ޕޯޗުގަލް ކައިރިން މޮރޮކޯ ބަލިވެފައިވަނީ 1-0 ގެ ތަފާތަކުންނެވެ. އަދި ސްޕެއިން އާ ދެކޮޅަށް މޮޅަކާއި ވަރަށް ކައިރިވެފައިވަނިކޮށް އިތުރު ވަގުތުގައި ސްޕެއިން ޖެހި ލަނޑަކުން އެ މެޗު ވަނީ އެއްވަރުވެފައެވެ.

ނަމަވެސް މިފަހަރު މޮރޮކޯ ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ އެފްރިކާގެ ދެވަނަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި ތިންވަނަ ބުރުގައި 5-2 ގެ ތަފާތަކުން ކޮންގޯ ބަލިކޮށް އެ ޓީމުން ވަނީ އެއް ގޯލަށް ވުރެ ގިނަ ގޯލުގެ ތަފާތަކުން މޮޅުވެގެން ކޮލިފައިވި ހަމައެކަނި ގައުމަށްވެފައެވެ.

މިފަހަރު ގަދަ 16 އަށް ދަތުރު ކުރުމަށްޓަކައި ފީފާ ރޭންކިންގެ 22 ވަނައިގައި އޮތް މޮރޮކޯ ނުކުންނާނީ ކޯޗު ވަލީދު ރެރާގީ ގެ މާލިމީކަމުގައެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއިވެސް އެކުގައެވެ.

މޮރޮކޯގެ ގައުމީ ޓިމް

ކްރޮއޭޝިއާވެސް ހަ ފަހަރު ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު މިއީ ޖެހިޖެހިގެން ކްރޮއޭޝިއާ މި މުބާރާތުން ފެނިގެންދާ ތިންވަނަ ފަހަރެވެ. 24 އަހަރު ކުރިން އެމީހުންގެ ފުރަތަމަ ވޯލްޑްކަޕުގައި ކްރޮއޭޝިއާއިން ވަނީ މުބާރާތުން ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ތިން ވަނަ ހޯދާފައެވެ. އަދި 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑްކަޕުގައި ކްރޮއޭޝިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފްރާންސް ކައިރިން 4-2 އިން ދަށްވެ ކްރޮއޭޝިއާއަށް ލިބިފައިވަނީ މުބާރާތުގެ ދެވަނަ އެވެ. އެގައުމުން މުބާރާތުގައި ދެން ބައިވެރިވި ތިން ފަހަރުވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

ކްރޮއޭޝިއާއިން މި ފަހުން ވަނީ ޔޫއީއެފްއޭ ނޭޝަންސް ލީގްގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފައެވެ.އެ ލީގުގައި އެމީހުން ވަނީ ފްރާންސު ގެ ކައިރިންވެސް މޮޅުވެފައެވެ. އަދި އޮސްޓްރިއާއާއި ޑެންމާކް ހިމެނޭ ގްރޫޕް ގެ އެއްވަނަ ވެސް ހޯދާފައެވެ.

ކްރޮއޭޝިއާ މިފަހަރު ނުކުންނާނީ ކޯޗު ޒްލާތްކޯ ޑާލިޗް އާއި އެކު ކުރީ ފަހަރުގެ ރިކޯޑް މުގުރާލާ ތަށި ކާމިޔާބުކުރުމަށެވެ. 2018 ވަނަ އަހަރުގެ ސްކޮޑުގެ ބައެއް ކުޅުންތެރިން ނެތަކަމުގައި ވިޔަސް ފީފާ ރޭންކިންގެ 12 ވަނައިގައި އޮތް ކްރޮއޭޝިއާ ނުކުންނާނީ ތަޖުރިބާކާރު ނަން މަޝްހޫރު ކުޅުންތެރިންނާއި އެކުގައެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމް

މި ދެ ގައުމު މީގެ ކުރިން ހަމަ އެކަނި ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ ކިންގް ހަސަން 2 އިންޓަނޭޝަނަލް މުބާރާތުގެ ސެމީ ފައިނަލްގައި 1996 ވަނަ އަހަރުއެވެ. 90 މިނެޓް ހަމަވި އިރު 2-2 ގައި އޮތުމުން ޕެނެލްޓީ ޖަހައިން މޮޅުވެފައިވަނީ ކްރޮއޭޝިއާއެވެ.

އަރާނެކަމަށް ބެލެވޭ ފުރަތަމަ 11:

މޮރޮކޯ:

ޔާސީން ބޫނޫ، އަޝްރަފް ހަކީމީ، އަޝްރަފް ދާރީ، ރުމައިން ސައިސް، ނުސައިރު މަޒްރައުއީ، އިއްޒުއްދީން އައުނާހީ، ސޮފްޔާން އަމްރަބަތް، ސަލީމް އަމްލާހް، ހަކީމް ޒިޔެޝް، ޔޫސުފް އަންނަސީރީ، ސޮފިޔާން ބައުފަލް

ކްރޮއޭޝިއާ:

ޑޮމިނިކް ލިވަކޮވިޗް، ޝީމާ ވަސާލްކޯ، ޑެޖާން ލޮވްރެން، ޔޮޝްކޯ ގަވާޑިއޯލް، ބޯރްނާ ބަރިޝިޗް، ލޫކާ މޮޑްރިޗް، މާސެލޯ ބްރޮޑޮވިޗް، މެޓިއޯ ކޮވަޝިޗް، ނިކޮލާ ވްލާޝިޗް، ބްރޫނޯ ޕެޓްކޮވިޗް، އިވާން ޕެރިޝިޗް

މޮރޮކޯގެ ހަކީމް ޒިޔެޝް ފާހަގަ ކޮށްލެވޭ

މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެޝް އަކީ މިފަހަރު ގިނަ ބައެއްގެ ލޯތައް އަމާޒުވާނެ ކުޅުންތެރިއެކެވެ. ޗެލްސީގެ މި ހުނަރުވެރި ކުޅުންތެރިޔާ ގެ ފޯމް މި ފަހުން އައިސް ކުލަބު ލެވެލްގައި އެހާ ރަނގަޅު ނޫން ނަމަވެސް ވޯލްޑު ކަޕަކީ އޭނާއަށް ހުނަރު ދައްކާލަން ލިބޭނެ ފުރުސަތަކަށް ވާނެއެވެ. މިޑްފީލްޑުގައި މޮރޮކޯއަށް ރަނގަޅު ފުރުސަތުތަކެއް ޒިޔެޝް ހޯދައިދޭނެކަމަށް ބެލެވެއެވެ.

ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ފާހަގަ ކޮށްލެވޭ

ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗަކީ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. ރިއާލް މެޑްރިޑްގެ ހުނަރުވެރި މިޑްފީލްޑަރ މޮޑްރިޗްގެ ބޯޅަ ކޮންޓްރޯލް ކުރުމާއި ގޯލު ޖެހުމުގެ ހުނަރުވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވެއެވެ.

2018 ވަނަ އަހަރު މޮޑްރިޗް ވަނީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.