ރަޝިއާގައި 2018 ގައި އޮތް އެންމެ ފަހުގެ ވޯލްޑް ކަޕުގެ ދެވަނަ ހޯދި ކްރޮއޭޝިއާ މިއަހަރުގެ ވޯލްޑް ކަޕުގެ ގުރޫޕް ސުޓޭޖްގެ ފުރަތަމަ މެޗުގައި މޮރޮކޯ އާ ދެކޮޅަށް ނުކުންނާނެއެވެ. ޤަތަރުގެ އަލް ބައިތް ސުޓޭޑިއަމްގައި މި މެޗު ފެށޭނީ ރާއްޖެ ގަޑިން މެންދުރު 3:00 ޖަހާއިރުއެވެ.

މި މުބާރާތަށް ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްރޮއޭޝިއާގެ ކޯޗް ޒްލާޓްކޯ ޑާލިޗް ބުނެފައި ވަނީ އޭނާގެ ޓީމު ވަރަށް ބޮޑަށް މި މުބާރާތަށް ތައްޔާރު ވެފައިވާ ކަމަށެވެ. ނަމަވެސް ވޯލްޑް ކަޕުގައި އެއްވެސް ދަށް ޓީމެއް ނުކުޅޭނެ ކަމަށާއި މިގޮތުން މޮރޮކޯގެ ޓީމަށް ވެސް ވަރަށް އިހްތިރާމް ކުރާ ކަމަށް ޑާލިޗް ބުންޏެވެ.

"އެއްވެސް ޓީމެއް ފަސޭހައެއް ނުވާނެ. މޮރޮކޯގެ މެޗަކީ އަހަރުމެންނަށް ވަރަށް އުނދަގޫ މެޗަކަށް ވާނެ. އަހަރެމެން މިވަނީ ސައުދީން ހޯދި އާދަޔާ ހިލާފް ކާމިޔާބީ ފެނި ހައިރާން ވެފަ، ވީމާ އަހަރުމެން މި މެޗަށް ނުކުންނާނީ ފުރިހަމަ އިހްތިރާމާއެކީ." މޮރޮކޯއަށް އިހްތިރާމް ކުރިއަސް އޭނާގެ ޓީމަށް ފުރިހަމަ އިތުބާރު އޮތް ކަން ހާމަ ކުރަމުން ޑާލިޗް ބުންޏެވެ.

މި މުބާރާތަށް ތައްޔާރުވާން ކްރޮއޭޝިއާ އަށް ލިބުނު މުއްދަތު ކިތަންމެހާ ކުޑަ ނަމަވެސް ޓީމާ މެދު ވަރަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް ކޯޗު ވަނީ ބުނެފައެވެ.

"އަހަރެންނަށް މުބާރާތަށް ތައްޔާރުވާން ލިބުނީ އެންމެ ހަފްތާއެއް. ނަމަވެސް މި ހަފްތާ އަހަރެން ބޭނުން ކުރީ މިހާރު ކުޅުންތެރިން ހުރި ހާލަތު ދެނެގަންނަށް. މި ޓީމާ އަދި ފަރިތަކުރުންތަކުގައި ކުޅުންތެރިން ފަރާތުން ފެނުނު ކުޅުމާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަ ޖެހޭ. އަހަރެން މި ޓީމުގެ ފުރަތަމަ އެގާރަ ވެސް ނަގާފައިވާނީ މި މޭރުމުން. އެންމެ ފެންވަރު ރަނގަޅު ތަޖުރިބާ ހުރި ކުޅުންތެރިން އަހަރެން ނަގާފައި އެ ހުރީ ޓީމަށް." ޑާލިޗް ބުންޏެވެ.

ކްރޮއޭޝިއާއިން ސްކޮޓްލެންޑާއި ދެކޮޅަށް ކުޅުނު މެޗެއްގައި ގޯލެއް ޖެހުމަށްފަހު އެ ޓީމުގެ އިވާން ޕެރިޝިޗް އުފާ ފާޅުކުރަނީ

މޮރޮކޯ އަކީ ފެންވަރު ރަނގަޅު ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއް ކަމަށާއި، ވީމާ އެ ޓީމަށް ފުރިހަމަ އަށް އިހްތިރާމް ކުރާކަމަށް ކޯޗު ތަކުރާކޮށް ވަނީ ބުންޏެވެ.

"އަހަރެމެން ވާނީ މޮރޮކޯގެ މެޗުތައް ބަލާ އެމީހުންގެ ކުޅުން އެނަލައިޒް ކޮށްފައި. އެއީ ވަރަށް ރަނގަޅު ޓީމެއް. އެކި ޕޮޒިޝަންތަކަށް ކުޅޭ ވަރަށް މޮޅެތި ކުޅުންތެރިން އެބަ ތިބި. އެމީހުންގެ ކޯޗަކީވެސް ވަރަށް ތަޖުރިބާކާރު މޮޅު ކޯޗެއް." ކްރޮއޭޝިއާ ކޯޗު ބުންޏެވެ.

އުމުރުން 56 އހަރު ޒްލަޓްކޯ ޑާލިޗް ވަނީ މީގެ ކުރިން މަޝްހޫރު ކުލަބް ތަކަށް ކޯޗުކަން ކޮށްދީފައެވެ. އަދި މެދުއިރުމަތީގެ ޓީމުތަކަށް ވެސް ކޯޗުކަން ކޮށްދީ ގިނަ ކާމިޔާބީ ތަކެއް ހޯދާދީފައިވެއެވެ.