އެފްރިކާ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހިލުންވި ނަމަވެސް މިރޭގެ މެޗަށް ޕޯޗުގަލް އޮތީ ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ލައްވާލާފައިވަނީ އުރުގުއޭ އާއި ދެކުނު ކޮރެޔާ އަދި ގާނާއާ އެއް ގްރޫޕެއްގަ އެވެ.

ވޯލްޑް ކަޕްގައި މިރޭ ގާނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ސަންޓޯސް ބުނީ ފާއިތުވި ތިން ވޯލްޑް ކަޕްގައި ވެސް އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ޕޯޗުގަލް އިން ކުޅެފައިވާ ކަމަށާއި އެއީ އުނދަގޫ މެޗުތަކެއް ކަމަށެވެ. އެފްރިކާގެ ޓީމުތަކަކީ ހުނަރުން ފުރިގެންވާ ޓީމުތަކެއް ކަމަށާއި އެޓީމުތަކަކީ މީގެކުރިއާ އަޅާ ބަލާއިރު މިހާރު މާ ފުރިހަމަ ޓީމުތަކެއް ކަމަށްވެސް ސަންޓޯސް ބުންޏެވެ.

"ގާނާ އަކީ އަހަރުމެންނަށް ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވާނެ ޓީމެއް. އެއީ ވަރަށް ރޭވުންތެރި ފުޓްބޯޅައެއް ކުޅޭ ޓީމެއް. ގާނާ ކަހަލަ އެފްރިކާ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހިލުން ވެސް ވޭ. އެކަމަކު ޕޯޗުގަލް އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ދަނޑުމަތީގައި ކުޅުންތެރިން އެމީހުންގެ އެންމެ ފުރިހަމަ މަސައްކަތް ދައްކާނެ. ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރާނީ ޤައުމުގެ ރައްޔިތުން އުފާކޮށްދެވޭތޯ. 2016 ވަނަ އަހަރުގެ ފަހުން އަހަރަމެންނަކީ ވަރުގަދަ ބައެއްކަން އިހުސާސްވޭ، ފުޓުބޯޅަ ވަރުގަދަވެއްޖެ ކަން ވެސް އިހުސާސްވޭ." ސަންޓޯސް ބުންޏެވެ.

ޕްރެސްގައި ސަންޓޯސް ވެސް ވަނީ ވަން ލަވް ކެޕްޓަން ބޭންޑުގެ ވާހަކަ އަށް އަލިއަޅުވާލާފައެވެ. އޭނާ ބުނީ ފާއިތުވި އަހަރުތަކުގައި އޭނާ އަށް ވެސް ވިސްނުނު ކަންތައްތަކެއް ހުރި ކަމަށެވެ. އޭނާ ބުނީ 1975 ވަނަ އަހަރު އޭނާގެ ޤައުމުން ވެސް ހަނގުރާމަ ކުރަމުން އައި ޑޮމޮކްރަސީ އާއި ހަމަޖެހުމަށް ކަމަށެވެ. އަދި މިކަހަލަ މައްސަލަތަކަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އަބަދުވެސް ޤަބޫލު ކުރާ ހަމަޔަކީ އެހެން މީހުންގެ ވިސްނުމާއި، އާދަކާދަޔަށް އިހުތިރާމު ކުރަން ޖެހޭނެ ކަމެވެ.

ޕްރެސްގައި އޭނާ ވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ ވެސް ދައްކާފައެވެ. ސަންޓޯސް ބުނީ ރޮނާލްޑޯގެ އަމިއްލަ ކަންކަމުގެ ވާހަކަ އޭނާ ނުދައްކާނެ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންގެ ވެސް ފޯކަސް ހުރީ ވޯލްޑް ކަޕަށް ކަމަށާއި، ޓީމުގައި އޮތީ ރަނގަޅު ރޫޙެއް ކަމަށް އޭނާ ބުންޏެވެ.

އެންމެފަހުން ޕޯޗުގަލް އިން ކުޅުނު ތިން ވޯލްޑް ކަޕްގައި ވެސް ފުރަތަމަ މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރުއެވެ.