ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑުކަޕުގައި އިންގްލެންޑުން ފުރިހަމަ ކާމިޔާބަކާއެކު ފުރަތަމަ މެޗު ނިންމާލުމަށްފަހު، ގުރޫޕް ބީގެ އެއްވަނަ ދެމެހެއްޓުމަށް މިރޭ ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.

މި މެޗު އޮންނާނީ ޤަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.

އިންގްލެންޑުން މުބާރާތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އިރާނާއި ބައްދަލުކޮށް 6-2 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް އެމެރިކާގެ ފުރަތަމަ މެޗުގައި ވޭލްސް އާއި ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ދެ ޓީމުގެ މެދުގައި ޕޮއިންޓުކޮޅު ވަނީ ބަހާލަން ޖެހިފައެވެ.

މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި އޮތް ވޯލްޑްކަޕުގައި ސެމީ ފައިނަލަށް ދަތުރުކޮށް، އެއަށް ފަހު 2020 ގައި ޔޫރޯގެ ފައިނަލްގައި ކުޅުމަށްފަހު، ޔޫއޫއެފްއޭ ނޭޝަންސް ލީގުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ގަތަރަށް އައިއިރު އިންގްލެންޑު އޮތީ ކުޑަކޮށް މާޔޫސްވެފައެވެ. ނަމަވެސް ބޮޑު މުބާރާތެއްގެ ފުރަތަމަ މެޗުގައި އެ ޓީމަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ މިދިޔަ ހޯމަދުވަހު ހޯދުމަށްފަހު ޓީމުގެ އުންމީދު މިވަނީ އާވެފައެވެ.

އެ މެޗުގައި އިންގްލެންޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފްގައި ބުކާޔޯ ސަކާ، ރަހީމް ސްޓާލިންގް އަދި ޖޫޑް ބެލިންގްހަމް ވަނީ އެ ޓީމަށް ތިން ގޯލު ކާމިޔާބު ކޮށްދީފައެވެ. އެ މެޗުގެ ފުރަތަމަ ހާފް އެ ޓީމުން ނިންމާލީ އިރާނަށް އެއްވެސް ލަނޑެއް ކާމިޔާބުކުރުމުގެ ފުރުސަތު ނުދީއެވެ. އަދި ދެވަނަ ހާފްގައިވެސް ސަކާ ވަނީ މި މުބާރާތުގައި އޭނާގެ ދެވަނަ ލަނޑު ޓީމަށް ކާމިޔާބު ކޮށްދީފައެވެ. އިތުރު ދެ ލަނޑު އިންގްލެންޑަށް ކާމިޔާބުކޮށްދީފައިވަނީ މާކަސް ރަޝްފޯޑްއާއި ޖެކް ގްރީލިޝްއެވެ. އިރާން މެޗުން ބަލިވި ނަމަވެސް އެ ޓީމުން ވަނީ އިންގްލެންޑު ކޮޅަށް ދެ ގޯލު ޖަހާފައެވެ. މިއީ އިންގްލެންޑުގެ ޑިފެންސް އަދިވެސް ރަނގަޅުކުރަން ޖެހޭކަމުގެ ހެއްކެކެވެ.

ތިން ޕޮއިންޓާއެކު އިންގްލެންޑުން ކުރިއަށް ދެމެޗުންވެސް މޮޅުވެ ގުރޫޕްގެ އެއްވަނައިގައި އޮވެ ގަދަ 16 އަށް ދާން ވަރަށް މަސައްކަތް ކުރާނެއެވެ.

އިންގްލެންޑާއި އިރާން ބައްދަލުކުރި މެޗުގައި ސަކާ (ވ) ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

މިއީ އިންގްލެންޑާއި އެމެރިކާ ވޯލްޑްކަޕެއްގައި ބައްދަލުކުރާ 3 ވަނަ ފަހަރެވެ. މީގެ ކުރިން 1950،2010 ގައި މި ދެޓީމު ވަނީ ވޯލްޑުކަޕްގެ ދަނޑުމަތިން ބައްދަލުކޮށްފައެވެ. މީގެން އެއްވެސް ފަހަރަކު އެމެރިކާ ބަލިވެފައެއް ނުވެއެވެ. 1950 ގައި 1-0 ން މޮޅުވެފައިވާއިރު އެންމެ ފަހުން 2010 ގައި ބައްދަލުކުރި މެޗުން ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ނަމަވެސް ޖުމްލަ 11 ފަހަރު މި ދެ ޓީމް ބައްދަލުކޮށްފައިވާއިރު އޭގެ ތެރެއިން 8 ފަހަރު މޮޅުވެފައިވަނީ އިންގްލެންޑެވެ. އަދި އެއް މެޗުގައި އެއްވަރުވެ ދެ މެޗުން އިންގްލެންޑު ބަލިވެފައިވާ އިރު، މި 11 ފަހަރުގެ މަތިން އިންގްލެނޑުން ވަނީ 39 ގޯލު އެމެރިކާއާއި ދެކޮޅަށް ކާމިޔާބުކޮށްފައެވެ. މިރޭ ކުޅޭ މެޗުން ގަދަ 16 އާއި އެއް ފިޔަވަޅު ގާތަށް ޖެހި، މި ނަންބަރު 9 އަކަށް ބަދަލުކޮށްލަން އިންގްލެންޑުން މަސައްކަތް ކުރާނެއެވެ.

2018 ވަނަ އަހަރުގެ ވޯލްޑުކަޕުގައި ނުފެނިފައި އެމެރިކާ އެމީހުންގެ މިއަހަރުގެ ވޯލްޑުކަޕް ފަށާފައިވަނީ ވޭލްސްއާއި އެކު ބައްދަލުކުރި މެޗުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މުބާރާތުގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާއ ދެކޮޅަށް ލަނޑު ޖަހައިދީފައިވަނީ ޓިމޮތީ ވެއާއެވެ. މި ގޯލަކީ އަށް އަހަރުގެ ތެރޭގައި އެމެރިކާއިން ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ލަނޑެވެ. އެމެރިކާއަށް މޮޅަކާއި ވަރަށް ކައިރިއަށް އާދެވިފައި ވަނިކޮށް މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، ވޯކާ ޒިމާމަން ކުރި ފައުލަކާއި ގުޅިގެން، ވޭލްސްއަށް ލިބުނު ޕެނެލްޓީއަކުން ގެރެތް ބޭލްވަނީ ނަތީޖާ އެއްވަރުކޮށް އެމެރިކާ މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. މޮޅުނުނުވި ނަމަވެސް އެމެރިކާއިންވެސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ރަނގަޅު ހަމަލާތަކެއްވެސް އެ ޓީމުން ވަނީ އުފައްދާފައެވެ.

އެެމެރިކާގެ ކޯޗު ބާހޯލްޓާ ބުނެފައިވަނީ އެ ޓީމުން ވަރަށް ރަނގަޅަށް ކުޅެފައިވާކަމަށެވެ. ބާހޯލްޓަރ އާއި އޭނާގެ ޓީމު މިރޭ ނުކުންނާނީ ވަރުގަދަ ތައްޔާރީތަކާއެކު ގަދަ 16 އިން ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށެވެ.

އެމެރިކާއިން ފާއިތުވި ދެ ވޯލްޑްކަޕްގައިވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

އެމެރިކާ ވޭލްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ޓިމޮތީ ވެއާ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ ފައިގެ ކުޑަހުޅަށް އަނިޔާވި ވާހަކަ ވަރަށް ގަދަޔަށް ދެކެވެނިކޮށް ކޭންގެ އަނިޔާ ސީރިއަސް ނޫންކަމަށް އިންގްލެންޑުން ވަނީ ބުނެފައެވެ. އަދި ބުދަ ދުވަހު ފައިގެ ސްކޭނެއް ހެދުމަށްފަހު ޓީމުގެ ފަރިތަކުރުންތަކުގައި ކޭން އަންނަނީ ބައިވެރިވަމުންނެވެ. މި މެޗުން ކޭން ފެންނާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އަދި އަނިޔާގެ ސަބަބުން ފުރަތަމަ މެޗުން ބޭލި ހެރީ މެގުއަޔާގެ ހާލުވެސް މިހާރު ރަނގަޅުވެފައިވުމުން، ފަހަތުގައި ކިއެރަން ޓްރިޕިއަރ، ޖޯން ސްޓޯންސް އަދި ލޫކް ޝޯ އާއި އެކު މެގުއަޔާ ވެސް މި މެޗުން ފެނިގެންދާނެކަމަށް ބެލެވެއެވެ.

ފައިވަޅުގެ އިންޖުރީއަކަށް ފަހު ފުރަތަމަ މެޗުގައި ފެނިގެންގޮސްފައިނުވާ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލީ ވޯކާވެސް ވަނީ އޭނާ މިހާރު މެޗަށް ތައްޔާރުކަމުގައި ބުނެފައެވެ. ވޯކާ މިހާރު ތަމްރީނުތަކުގައި ބައިވެރިވަމުންދިޔަ ނަމަވެސް، އަދި މި މެޗުގެ ފުރަތަމަ 11 ގައި އޭނާ ފެނިދާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވޯކާ ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

ކަކުލުގެ އިންޖުރީއެއްގެ ސަބަބުން ޖޭމްސް މެޑިސަންއަށް އަދި ތަމްރީންތަކުގައި ބައިވެރިވެވޭ ގޮތެއްނުވެއެވެ. މި މެޗުގައިވެސް މިޑް ފީލްޑުން ޖޫޑް ބެލިންގްހަމްއާއި، ޑެކްލަން ރައިސް އަދި މޭސަން މައުންޓް ފެނިގެންދާނެކަމަށް ބެލެވެއެވެ.

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން

އެމެރިކާއާއި ވޭލްސް ކުޅުނު މެޗުގައި ވެސްޓަން މެކެނީ ވަނީ ފައިވަޅުގެ އިންޖުރީއެއްވެގެން އަދި ޔޫނުސް މޫސާ ވަނީ ފައިގެ އިނގިއްޔަށް އަނިޔާވެގެން ބާލާފައެވެ. ނަމަވެސް މި މެޗުގައިވެސް މިޑް ފީލްޑުން ކެޕްޓަން ޓައިލާ އެޑަމްސްއާއި އެކު ފުރަތަމަ އެގާރައިގައި މި ދެކުޅުންތެރިންވެސް ފެންނާނެކަމަށް ބެލެވެއެވެ.

ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިކް، ޓިމޮތީ ވެއާ އަދި ނޯވިޗް ސިޓީގެ ޖޯޝުއާ ސާޖެންޓް ފެނިގެންދާނެކަމަށް ބެލެވެއެވެ. އަދި ފަހަރެއްގައި ކުރިން މެޗުގައި ބެންޗުގައި އިން ބޮރުސިއާ ޑޯޓްމަންޑުގެ ޖިއޮވާނީ ރޭނާވެސް ފެނިގެން ދިއުން އެކަށީގެންވެއެވެ.

ބްރެންޑަން އާރޮންސަން އަދި ކެމެރަން ކާޓަ ވިކާސް ވެސް ވޭލްސްއާއިއެކު ކުޅުނު މެޗުގެ ފުރަތަމަ 11ގައި ހިމެނިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފްގައި ދަނޑުމަތިން ވިކާސްވަނީ ފެނިގެންގޮސްފައެވެ. މި މެޗުގައިވެސް މި ދެ ކުޅުންތެރިން ފަށާނީ ބެންޗުންކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ ކްޕްޓަން ޓައިލަރ އެޑަމްސް

ވޯލްޑުކަޕުގައި 12 އަހަރުފަހުން އިންގްލެންޑާއި އެމެރިކާ ބައްދަލުކުރާއިރު، އަދި އެންމެ ފަހު ފަހަރު ބައްދަލުކުރިއިރު ދެ ގައުމު އެއްވަރުވެފައިވާ އިރުވެސް މި މެޗުގައި ގިނަ މީހުންގެ ފޭވަރަޓަކީ އިންގްލެންޑެވެ.

މި މުބާރާތުގައި މިހާތަނަށް އައިރު ހީވެސް ނުކުރާފަދަ ނަތީޖާތަކެއް ފެނިފައިވާއިރު މި މެޗުންވެސް ވާނެ ގޮތެއް ސީދާ ބުނަން އެނގޭނީ މެޗު ނިމުނީމައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމިއްޔާ

    އެމެރިކާ ކަޓާކަށް އިންގލެންޑް ބޭނުމެއް ނުވޭ.
    ޑްރޯއަކަށް ގޮސްދާނެ!
    އިނގިރޭސީންނަށް ޔަގީންކުރޭ ގަދަ 16 އަށް ދާނެކަމަށް.
    އެމީހުން ބޭނުންވަނީ އީރާން ކަޓުވާލަން.