ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އެންމެ ފުރަތަމަ ކެޓި ޓީމަކަށް ގަތަރު ވެއްޖެއެވެ.

ގަތަރު މުބާރާތުން ކެޓީ ގަތަރު ހިމެނޭ ގްރޫޕްގައި މިރޭ ނެދަލޭންޑާއި އިކްއެޑޯ ބައްދަލުކުރި މެޗް 1-1 އިން އެއްވަރުވެ، ނެދަލެންޑާއި އިކުއެޑޯއާ އެއް ވަރަށް ގަތަރަށް ޕޮއިންޓް ނުލިބޭނެ ކަން ޔަގީންވުމުންނެވެ.

ގްރޫޕް އޭގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާރު ދެ މެޗު ކުޅެފައިވާއިރު ނެދަލެންޑްސް އާއި އިކުއެޑޯ އަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ސެނެގާލް އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު ގަތަރަށް ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގަތަރު ގްރޫޕްގެ ފަހު މެޗުގައި ނެދަލެންޑްސް އަތުން މޮޅުވި ނަމަވެސް ގިނަވެގެން ލިބޭނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ނެދަލެންޑްސް، އިކުއެޑޯ، ސެނެގާލް އަށް އަދި އެބައޮތެވެ.

މި ގްރޫޕްގެ ފަހު މެޗުގައި ނެދަލެންޑްސް ނުކުންނާނީ ގަތަރާއި ދެކޮޅަށެވެ. އިކުއެޑޯ ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. ނެދަލެންޑްސް އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދެވެން އޮތް އިރު، ސެނެގާލް ދެވަނަ ބުރަށް ދާން ބޭނުން ނަމަ، ޖެހޭނީ މޮޅުވާށެވެ.

މިރޭގެ މެޗަށް ޖުމްލަކޮށް ބަލާއިރު ނެދަލެންޑްސް އަށް ވުރެ ރަނގަޅު ކުޅުމެއް އިކުއެޑޯ އިން ދެއްކި ނަމަވެސް މެޗް ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރު ކުރުމުގައި އިކުއެޑޯ އަށް ނަސީބު އެހީއެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ނެދަލެންޑްސް އިންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި މި ލަނޑު ޖަހައި ދިނީ ކުރިއަށް ކުޅޭ ކޯޑީ ގަޕޯއެވެ. އިކުއެޑޯ އިން ލަނޑު ޖެހީ މެޗުގެ 49 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށް ދިނީ އެނާ ވެލެންސިއާއެވެ. މިއީ މި މުބާރާތުގައި ވެލެންސިއާ ޖެހި ތިން ވަނަ ލަނޑެވެ.

ގަތަރު ވަނީ މިރޭ ސެނެގާލް އަތުން 3-1 އިން ބަލިވެފައެވެ. މިއާއެކު، ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން 12 އަހަރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައެވެ.