ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސާބިއާއާ ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗުގައި އަނިޔާވި ބްރެޒިލްގެ ތަރި ނޭމާ އަށް ކުރިއަށް އޮތް ދެ މެޗު ގެއްލިއްޖެއެވެ.

ގްރޫޕް ޖީގައި ހިމެނޭ ބްރެޒިލް މިވަގުތު އޮތީ ތިން ޕޮއިންޓާ އެކުގައި ގްރޫޕްގެ އެއް ވަނައިގައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން، އެކަމަކު ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ ސްވިޒަލެންޑެވެ. ޕޮއިންޓެއް ނުލިބި ތިން ވަނަ އަދި ހަތަރު ވަނަ ލިބެނީ ސާބިއާއަށާއި ކެމަރޫން އަށެވެ.

އަންނަ ހޯމަ ދުވަހު ބްރެޒިލް ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޑިސެމްބަރު 3 ގައި އެ ޓީމު ނުކުންނާނީ ކެމަރޫން އާ ދެކޮޅަށެވެ.

ނޭމާގެ ފަޔަށް ލިބުނު އަނިޔާ.

ނޭމާގެ އިތުރުން ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ވެސް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ހިމެނޭ ބްރެޒިލް ވަނީ ސާބިއާ 2-0 އިން ބަލިކޮށްފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްވިޓްޒަލެންޑާއި ކެމަރޫންއެވެ. ސްވިޒަލެންޑް ވަނީ 1-0 އިން ކެމަރޫން ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ނޭމާ އަށް އަމާޒުކޮށް ނުވަ ފައުލެއް ކުރިއެވެ. ނޭމާ، 30، ގެ ކަނާތު ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވާ މަންޒަރު ފޮޓޯތަކުން ފެނިފައިވެއެވެ. މި އަނިޔާއާ ގުޅިގެން ދެވަނަ ހާފްގެ ފަހުކޮޅުގެ ނޭމާ ބަދަލު ކުރިއެވެ. އަދި ނޭމާ ބެންޗުގައި ރޯން އިން މަންޒަރު ފެނިފައިވެއެވެ.

ބްރެޒިލްގެ ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލަސްމާ ބުނީ ނޭމާ އާއި ޑެނީލޯގެ އެމްއާރުއައި ހެދި އިރު، ކުޑަހުޅުގެ ލިގަމަންޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މިހާރު ވިސްނުން ހުރީ ބްރެޒިލްގެ މެޗުތަކަށް ދެ ކުޅުންތެރިން ވެސް ފިޓް ކުރުން ކަމަށް އޭނާ ބުންޏެވެ.

ނޭމާގެ އަނިޔާއާ ގުޅޭ ގޮތުން ބްރެެޒިލްގެ ކޯޗު ޓީޓޭއާ އާ ވެސް ސުވާލުތައް އަމާޒުވިއެވެ. އެކަމަކު، ޓިޓޭ ދިން ޔަގީންކަމަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ނޭމާ ފެންނާނެ ކަމުގެ ޔަގީންކަމެވެ.

މީގެ ކުރިން ނޭމާ ކުޅުނު 2014 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް އަނިޔާއާ ކުރިމަތިވިއެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޭމާގެ ބުރަކަށްޓަށް އަނިޔާވެގެން އޭނާ ބަދަލު ކުރަން ޖެހުނެވެ. 2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕަށް ބްރެޒިލް އައިއިރު، ނޭމާ ފިޓްނަސް ރަނގަޅެއް ނޫނެވެ. ނޭމާ އަށް އެ އަހަރު ކުރީކޮޅު އަނިޔާގެ މައްސަލައަކާ ކުރިމަތިވިއެވެ.